Ads by Stelco

ޚަބަރު

ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް

ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

10 ޑިސެމްބަރު 2025، 09:46

10 ޑިސެމްބަރު 2025، 09:46

ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

މި މަޢުޟޫޢުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވީ، މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާ މުނާސަބަތާ ގުޅުވައިގެން މިއަދު ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އިންސާނީ ޙައްޤުތަކަކީ ޞުލްޙަމަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ބިންގައު ކަމުގައެވެ. އަދި މި ޙައްޤުތަކަކީ ތަޞައްވުރުގެ ޚިޔާލުތަކެއް ނޫންކަމަށާއި، އެއީ ކޮންމެ ފަރުދަކުވެސް ޤަދަރާއި އުންމީދާއެކު ދިރިއުޅެވޭނެ އަސާސީ ޙިމާޔަތްތަކެއް ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޖްތިމާޢީ ރައްކާތެރިކަން ފަދަ އަސާސީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ހަމަހަމަކަން ޤާއިމުކުރުމަށާއި، މުޖުތަމަޢުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ޙިމާޔަތްކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ޤާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. 

އެގޮތުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި ޙަރަކާތްތެރިވުމުގެ އިތުރުން، ދިވެހިރާއްޖެއަކީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޤައުމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހަރުދަނާކޮށް، ޙައްޤުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި، ރާއްޖެއިން، ވަކީން ޚާއްޞަކޮށް، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައިވެސް ދިވެހިރާއްޖެ، ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދެނީ، އިންސާނީ ޙައްޤުތަކަކީ ސަރަޙައްދީ އިމެއް އެކަމުގައި ނެތް، އަދި އެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަމުގައިވެސް އެ މަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. 

ފަލަސްޠީނުގެ ޙާލަތަށް އަލިއަޅުވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނީ ޙައްޤުތަކަކީ ބައިބައި ނުކުރެވޭނެ ޙައްޤުތަކެއް ކަމަށާއި، އިންސާނީ ޙައްޤުތަކަކީ، އެއްވެސް ބައެއްގެ ކިބައިން އެ ޙައްޤުތައް ނިގުޅައިގަނެވިއްޖެ ނަމަ، ބައިނަލްއަޤުވާމި ފެންވަރުގައި އެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެވޭކަމަށް ބުނެވޭނެ ފުރުޞަތު ނެތް ކަމުގައެވެ. ހަމަމިއާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަސާސީ ޙައްޤުތައް ނިގުޅައިގަތުމަކީ، އިންސާފާއި އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގައި، ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށް، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ، އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން