ޚަބަރު
ދުންފުހުގެ ސަބަބުން ކުރިއަށް އޮތް ހަފްތާގައި ވެސް އުތުރާއި މެދުރާއްޖެތެރެއަށް ވައި ނުސާފުވާނެ: މެޓް
ވައި ނުސާފު/ފޮޮޓޯ: މިހާރު
ދުންފުހުގެ ސަބަބުން ކުރިއަށް އޮތް ހަފްތާގައި ވެސް އުތުރާއި މެދުރާއްޖެތެރެއަށް ވައި ނުސާފުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް ދުންފުހުގެ އަސަރު އުތުރާއި މެދުރާއްޖެތެރެ އަށް ކުރާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
Hazy conditions prevail over northern and central regions. pic.twitter.com/oPtHmAQvrD
— Maldives Meteorology (@MetMaldives) December 11, 2025
ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މަޢުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 33.1 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 8.3 ގުނަ މަތީ މިންވަރެކެވެ.
މި ދަރަޖައަށް ވައި ނުސާފުވުމަކީ، ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.