ޚަބަރު
މަސްވެރިކަމުގެ ޞިނާޢަތަށް ކުރިއެރުން ގެނުވާނީ ޙަޤީޤީ މާނައިގައި، ދެމެހެއްޓެނިވި ގޮތަކަށް: ރައީސް
ރައީސް ޑރ. މުޢިއްޒު މަސްވެރީންނާ ބައްދަލުކުރެއްވުން، ރ. ދުވާފަރު
ފަރުދުން
13 ޑިސެމްބަރު 2025، 04:18
13 ޑިސެމްބަރު 2025، 04:18
މަސްވެރިކަމުގެ ޞިނާޢަތަށް ކުރިއެރުން ގެނެސްދެއްވާނީ ނަމެއްގައި ނޫން ކަމަށާއި، ޙަޤީޤީ މާނައިގައި އެ ޞިނާޢަތަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި އަހަރުގެ ޤައުމީ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ރ. އަތޮޅު ދުވާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މަސްވެރީންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުން، މަސްވެރީންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލުތައް ލިބިދޭނެ ކަމަށެވެ. އަދި މި ޞިނާޢަތު ކުރިއަރުއްވާނީ މަސްވެރީންގެ ޚިޔާލާއި ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ، މަސްވެރީންނަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ކަމަށެވެ. މި މައްސަކަތުގެ ތެރެއިން ލަސްވެގެންދާ ކަންކަމަކީ ބޭރުގެ ލޯނުތަކާ ގުޅިފައި ހުރި ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއިން ގިނަ މަސައްކަތްތައް މިހާރު ޢަމަލީ ގޮތުން ފެށިފައިވާކަން، އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބައެއް ކަންކަމަކީ ސަރުކާރުން ބޮޑު ޚަރަދުތަކެއް ކޮށްގެން ކުރިއަށް ގެންދާ ކަންކަން ކަމަށް ވާއިރު، ގިނަ ދުވަސް ނަގަނީ މި ސަބަބަށްޓަކައި ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ކަމެއް ނަމެއްގައި އިޢުލާންކޮށްލާކަށް ނޫނީ ފަށާކަށް، އެ ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް. އަޅުގަނޑު ބޭނުންވަނީ ޙަޤީޤީ މާނައިގައި މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން. ވަރަށް ގިނަ ކަންކަން އެބަހުރި މި ގޮތަށް ދަންނަވަން ހުރި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މަސްވެރިކަމުގެ ޞިނާޢަތަށް ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރައީސް މި ފަހަރު ރ. ދުވާފަރަށް ވަޑައިގެންނެވީ، މި އަހަރުގެ މަސްވެރީންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އެ ރަށުގައި ކަމަށް ވާތީއެވެ.