ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އަންނަ ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދާނީ މި މަހުގެ 17 ވާ ބުދަ ދުވަހުގެރޭ 20:30 ގައި ސޯޝަލް ސެންޓަރުގައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.
މިކަމާއި ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްޞާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ. އެހެންކަމުން، ދިވެހި ވިޔަފާރިވެރިންނަށް މި ބައްދަލުވުމަށް ސަރުކާރުން ވަނީ ދަޢުވަތު ދެއްވާފައެވެ.
މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެއެވެ.
— Heena Waleed (@MvSpokesperson) December 14, 2025
މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ…
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދިލައްވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށްވާއިރު، މިފަދަ ބައްދަލުވުންތަކަކީ އެކަމަށް ވަރަށް މުހިންމު ކަމެއްކަމަށް ސަރުކާރުން ސިފަކުރައްވައެވެ.