ޚަބަރު
ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ރައީސް ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
14 ޑިސެމްބަރު 2025، 08:39
14 ޑިސެމްބަރު 2025، 08:39
އަންނަ ބުރާސްފަތި ދުވަހުގެރޭ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެރޭ 20:30ގައި އޮންނާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ސަލާޙުއްދީން ސްކޫލް ހޯލްގައެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ…
— Heena Waleed (@MvSpokesperson) December 14, 2025
ހީނާ ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުމެއް ކަމަށެވެ.
މީގެ އިތުރުން، މި ހަފްތާގެ ބުދަ ދުވަހު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ބުދަ ދުވަހުގެރޭ 20:30 ގައި ސޯޝަލް ސެންޓަރުގައެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދިލައްވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށްވާއިރު، މިފަދަ ބައްދަލުވުންތަކަކީ އެކަމަށް ވަރަށް މުހިންމު ކަމެއްކަމަށް ސަރުކާރުން ސިފަކުރެއެވެ.