ޚަބަރު
ގިނަ ދާއިރާތަކަކުން ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި
ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ގިނަ ދާއިރާތަކަކުން ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވެވި އިޙްތިރާމްގެ ޒިޔާރާތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޝީ ޖިންޕިންގ އަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ޗައިނާއިން ދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ޤާއިމްކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންނެވެ. އެގޮތުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ދެ ޤައުމުން ސޮއިކުރައްވާފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް އޮފް ޗައިނާގެ 14ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސްޗެއަރމަން، އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން pic.twitter.com/kkIoH1UteW
— The President's Office (@presidencymv) December 15, 2025
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ އެން.ޕީ.ސީ. ގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެޤައުމާއި އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުން ކަމަށާއި، ދެ ޤައުމުން ގުޅިގެން ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިސްޓަރ ވޮންގް ވަނީ ދެއްވާފައެވެ.
މި ބައްދަލުވުން ނިންމާލައްވާފައި ވަނީ، ޗައިނާއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުންދެއްވައި، ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ އިސްވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.