Ads by Stelco

ޚަބަރު

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިއަދާއި މާދަމާވެސް ވަރަށް ބޮޑަށް ވައި ނުސާފުވާނެ: މެޓް

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިއަދާއި މާދަމާވެސް ވަރަށް ބޮޑަށް ވައި ނުސާފުވާނެ: މެޓް

ވައި ނުސާފު/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 07:09

15 ޑިސެމްބަރު 2025، 07:09

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިއަދާއި މާދަމާވެސް ވަރަށް ބޮޑަށް ވައި ނުސާފުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިއަދު ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރު ހުރީ 3 ކިލޯމީޓަރަށެވެ.

ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައި ވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. މިކަމާއި ގުޅިގެން މެޓް އޮފީހުން ވިދާޅުވީ، މި ސަރަޙައްދަށް އެންމެ ބޮޑަށް ވައި ނުސާފުވާނެ ކަމަށް ބެލެވެނީ މިއަދާއި މާދަމާ ކަމަށެވެ. އެގޮތުން، މި ދެ ދުވަހު ރާއްޖެ ސަރަޙައްދުގެ ދުރު ފެންނަ ނިސްބަތް ހުންނާނީ 3 ކިލޯ މީޓަރަށް ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ގޭތެރޭގެ ވައިގެ ފެންވަރު ރަނގަޅުކޮށް ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ވައި ސާފުކުރުމަށް އެއާ ޕިއުރިފަޔާ ބޭނުން ކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. މި ކަންކަމަށް ސަމާލުކަން ދީ، ޞިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

މި އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ އެ ދެ ދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން