ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، މާދަމާރޭ ބާއްވަވާ ވިޔަފާރިވެރިންގެ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް
ވިޔަފާރިވެރިންގެ ފޯރަމެއްގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާދަމާރޭ ބާއްވަވާ ވިޔަފާރިވެރިންގެ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދާނީ މި މަހުގެ 17 ވާ ބުދަ ދުވަހު (މާދަމާ) ރޭ 20:30 ގައި ސޯޝަލް ސެންޓަރުގައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.
މިކަމާއި ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށެވެ. އެހެންކަމުން، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް މި ބައްދަލުވުމަށް ސަރުކާރުން ވަނީ ދަޢުވަތު ދެއްވާފައެވެ.
ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި…
— Heena Waleed (@MvSpokesperson) December 16, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދިލައްވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށްވާއިރު، މިފަދަ ބައްދަލުވުންތަކަކީ އެކަމަށް ވަރަށް މުހިންމު ކަމެއްކަމަށް ސަރުކާރުން ސިފަކުރައްވައެވެ.