Ads by Stelco

ޚަބަރު

ހަފްތާއެއްހާ ދުވަސް ތެރޭގައި މަސާޖުކުރާ 52 ތަނެއް ބަންދުކޮށްފި

ހަފްތާއެއްހާ ދުވަސް ތެރޭގައި މަސާޖުކުރާ 52 ތަނެއް ބަންދުކޮށްފި

ބިއުޓީ ސެލޫންއަކަށް އިމިގްރޭޝަނާއި ފުލުހުން ކުރި ރެއިޑެއްގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

farudhun logo

ފަރުދުން

17 ޑިސެމްބަރު 2025، 12:37

17 ޑިސެމްބަރު 2025، 12:37

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސާޖުކުރާ 52 ތަނެއް ބަންދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގައި ބިއުޓީ ސެލޫންތަކުގައި ޤާނޫނާ ޤަވާއިދާ ޚިލާފުކަންކަން ހިންގާތޯ ބެލުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އާދަކޮށް ކުރަމުންދާ މަސައްކަތެއް ކަމުގައެވެ. 

ނަމަވެސް މި މައްސަލައާ ގުޅިގެން، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް މާލޭގައި ސިލްސިލާކޮށް ބާއްވަމުންގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން އެ ކަންބޮޑުވުން ހާމަކުރުމުން، މިކަމާ ގުޅޭ އިދާރާތައް ގުޅިގެން އިތުރު ހިތްވަރެއްލައި މި މަހުގެ 9ވަނަ ދުވަހު އިތުރު މަސައްކަތްތަކެއް ފެއްޓެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ރެއާއި ދުވާލު ހިންގަމުން ދިޔަ އޮޕަރޭޝަންތަކާއެކު، މިހާތަނަށް ޖުމްލަ 52 ތަނެއް ބަންދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 28 ތަނަކީ، އިދާރާތަކުން މި އޮޕަރޭޝަންތައް ހިންގުން ވަރުގަދަކުރުމުން އެ ތަންތަން ހިންގާ ފަރާތްތަކުން އަމިއްލައަށް ބަންދުކުރި ތަންތަންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ހަފްތާއެއް މިވީ. މި މުއްދަތުގައު ކުރެވުނު މަސައްކަތުން 52 މަސާޖު ޕާރލާ ބަންދުކުރެވިއްޖެ. 52 ތަނުގެ ތެރެއިން 24 ތަނަކީ އޮޕަރޭޝަންތަކުގެ ތެރެއިން ބަންދުކުރި ތަންތަން. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިޔަށް ގެންދަވާނެ ކަމަށާއި، މިދަފަ އޮޕަރޭޝަންތައް ނުހުއްޓި ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މުޖުތަމަޢުގައި ހުރި މިފަދަ ކަންކަން ޙައްލުކުރުންކަމަށް ވެސް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން