ޚަބަރު
4000 ފުލެޓުތަކުގެ ޑައުންޕޭމަންޓުތަކަށް ލުޔެއް ދެވޭނެތޯ ސަރުކާރުން ބަލަނީ
4000 ފްލެޓުތަކުގެ މަސައްކަތް ނިމުމަކާ ވަނީ ގާތްވެފައި / ފޮޓޯ: ޕީއެސްއެމް
މި މަހުގެ ނިޔަލަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ 4000 ފްލެޓުގެ ޑައުންޕޭމަންޓަށް ދެވޭނެ ލުއިތަކެއް ދިރާސާކުރައްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މައުޟޫޢަށް ވާހަކަފުޅު ދެއްކެވީ، އަންގާރަ ދުވަހުގެރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އާންމުންގެ ތެރެއިން ކުރި ސުވާލަކަށް އަލިއަޅުވާލައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އަމާޒު ކުރެއްވި ސުވާލެއްގައި އާންމުންގެ ތެރެއިން ބޭފުޅަކު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ދޫކުރި ފްލެޓުތަކުގެ ޑައުން ޕޭމަންޓަށް 25،000 ރުފިޔާ ދެއްކުމަކީ އާދައިގެ މީހަކަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށާއި، އެ ފައިސާ ހަމަކުރުމަށް ގިނަ ބަޔަކަށް ގޮންޖެހުމަކަށް ވެފައިވާ ކަމުގައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، މިކަމުގައި ހެދޭނެ ގޮތެއް އެ މަނިކުފާނު ބައްލަވާނެކަމަށާއި، އަދި މީގެ އިތުރުން، މި ފްލެޓުތަކުގެ ކުލީގެ އަދަދަށް ގެނެވޭނެ ލުއިތަކެއް ވެސް ބައްލަވާނެކަމަށެވެ. އަދި އެކަން ބެއްލެވުމަށްފަހު ދެވެން އޮތް އެންމެ ރަގަޅު ލުޔެއް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވެވިއެވެ.
4000 ފުލެޓުގެ ޑައުންޕޭމަންޓު ކަންތަކުގައި ދެވެން އޮތް ލުޔެއް ބަލުމަށްފަހު، އެ ކަމަށް ދެވެން އޮތް އެންމެ ރަނގަޅު ލުޔެއް ދޭނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި 4،000 ފްލެޓަށް މީހުން ކަނޑައެޅުމުގައި ބައެއް ފަރާތްތަކަށް ލިބުނު ޕޮއިންޓު ނުހައްގުން އުނިކުރިކަމުގެ ޝަކުވާ ވެސް ހެންވޭރުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅިއެވެ. މިކަމަށް ރައީސް ވިދާޅުވީ، ސަރުކާރުން އެއްވެސް މީހަކަށް ލިބިފައިވާ ޕޮއިންޓެއް ބަދަލުކޮށްފައި ނުވާނެކަމަށެވެ. އަދި ފްލެޓް ދީފައި ވަނީ މިދިޔަ ސަރުކާރުން ފްލެޓް ދިނުމަށް ނިންމި މީހުންނަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންގުޅޭނީ ހަމަހަމަ އުސޫލެއް ކމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރީ އެއްވެސް ސަރުކާރަކުން މައިމުޅަވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ސަމާލުކަން ނުދޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވަޢުދުވިފަދައިން މި ސަރުކާރުން ފުރަތަމަވެސް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައި ތިބި މީހުންނަށް ޚާއްޞަ ކެޓަގަރީއެއް ހިމެނާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ އަޅުގަނޑު ރައްޔިތުންނަށް ވީ އެންމެ ބޮޑު ވަޢުދު. އެގޮތުން މައިމޮޅިވެފަ ތިބި ފަރާތަކަށް ބޯހިޔާވަހިކަން ދޭން ނިންމީވެސް އެ ބޭފުޅުންގެ ނިކަމެތިކަން އެނގޭތީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، 4000 ފްލެޓްގެ މަސައްކަތްތައް ނިމުމާގާތްވެފައިވާކަމަށާއި އެގޮތުން ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަހުގެ ތެރޭގައި އެ ތަންތަނަށް ވަދެވޭވަރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑައުންޕޭމެންޓެކެވެ. އަދި ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ޤަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓުތަކުގެ މަހު ކުލި 9،000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ މަހު ކުލި 7،000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އެ ބައްދަލުވުމުގައި ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.