Ads by Stelco

ޚަބަރު

"މާލޭ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ނަގަން އެ އުޅެނީ މާފުކޮށްފައި އޮތް ޖޫރިމަނާއެއް"

"މާލޭ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ނަގަން އެ އުޅެނީ މާފުކޮށްފައި އޮތް ޖޫރިމަނާއެއް"

ގަލޮޅުގެ ރައްޔިތުންނާއި ރައީސް ޑރ މުއިއްޒު ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ޑިސެމްބަރު 2025، 07:26

17 ޑިސެމްބަރު 2025، 07:26

މާލޭގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ނެގުމަށް މިހާރު މަސައްކަތްކުރާ ޖޫރިމަނާއަކީ، ކުރިން މާފުކޮށްދީފައި އޮތް ޖޫރިމަނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު އަންގާރަ ދުވަހުގެރޭ ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.

ގަލޮޅުގެ ރައްޔިތުންނާއި ރައީސް ޑރ މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން ރައީސް ވިދާޅުވީ، ސިނަމާލެ ފުލެޓުތަކުގެ 4 އިމާރާތާއި، މާލޭ ހިޔާ ފްލެޓުތަކުގެ 2 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން ދައްކަންޖެހޭ ޖޫރިމަނާ ކުރިން މަޢާފުކޮށްފައި ވާނޭ ކަމަށާއި، މިއީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ނިންމާފައި އޮތް ކަމެއް އެ ގޮތަށް ކުރިޔަށް ގެންދިއުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށާއި، އެހެންކަމުން މިކަން އަލުން ބެއްލެވުމަށް، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން އިންނެވި ޑެޕިއުޓީ މޭޔަރުގެ އަރިހުން ރައީސް އެދިވަޑައިގެންނެވިއެވެ. 

އަޅުގަނޑު ހަމަ ހަޤީޤަތުގައި ވެސް ހައިރާންވެފައި މިހުރީ. އެ ޖޫރިމަނާ ކޮށްގެން ނުވާނެ. އެއީ އަޅުގަނޑު މޭޔަރަކަށް ހުރިއިރުގަ އެ އޮތީ އެ ޖޫރިމަނާތައް ކެންސަލްކޮށްފަ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ފްލެޓުތައް ބައުވުމުގެ ސަބަބުން އެ ތަންތާގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ވެސް އެ ބައްދަލުވުމުގައި ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. އެގޮތުން ލިފްޓު މަސައްކަތް ނުކުރާކަމަށާއި، އަދި މަތީ ބުރީގެ ފާޚާނާތައް ބޭނުން ކުރުމުން، އެ ފާޚާނާއާ ދިމާލުން ތިރީ ބުރީގެ ފާޚާނާއަށް ފެންފައިބާ މައްސަލަ ފާހަގަކުރިއެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ އިމާރާތްތަކަކީ ސީދާ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމުން، އެ ތަންތަނުގެ މަރާމާތުގެ ކަންކަމަކީ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަން ޖެހޭނެ ކަންކަންކަމުގައެވެ.

އެ ތަނުގެ ލިފްޓު ވިޔަސް ނުވަތަ ފާޚާނާ ތަކުން ފެން ފޭބުމުގެ މައްސަލަ ވިޔަސް، މިއީ ވެސް ހަމަ ސީދާ ކައުންސިލުން ބަލަހައްޓަން ޖެހޭނެ ކަމެއް، އެ ތަނުގެ މެއިންޓެނަންސް އަކީ ކައުންސިލްގެ ޒިންމާއެއް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން ސިޓީ ކައުންސިލުން މި ކަންކަމުގައި ފެއިލްވުމުން، ސަރުކާރުން މި ކަމުގެ ތެރެއަށްވަދެ، އެ ތަނާ ގުޅިގެން ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލައި، އެ ކަންބޮޑުވުންތަކަށް ޙައްލެއް ގެނަސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޔަޤީނުންވެސް އެ ތަންތަނުގެ ޖޫރިމަނާ ދައްކަވަން ނުޖެހޭނެ ކަމަށާއި، އަދި އެ ތަންތަނުގެ ޙާލަތަށް ބެއްލެވުމަށްފަހު، އެ ތަންތަނުގެ ކުއްޔަށް ގެނެވޭނެ ބަދަލެއް ބައްލަވާނެކަމަށް ވިދާޅުވިއެވެ. 

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ވެސް ރައީސް ވިދާޅުވީ، ރައްޔިތުން ޚިއްޞާކުރައްވާ ކޮންމެ ކަމަކީވެސް މުހިންމު ކަމެއްކަމަށާއި، މިއިން ކޮންމެ ކަމަކަށް މި ބައްދަލުކުރެއްވުމުގައި ޖަވާބުދާރީވެވަޑައިނުގެންނެވުނު ނަމަވެސް، ކޮންމެ ކަމަކީވެސް ސީރިއަސް ގޮތެއްގައި ބައްލަވާނެ ކަމެއްކަމުގެ ޔަޤީންކަން ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން