Ads by Stelco

ޚަބަރު

1 ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމުން 3 ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭނެ: ރައީސް މުޢިއްޒު

1 ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމުން 3 ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭނެ: ރައީސް މުޢިއްޒު

ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 11:09

17 ޑިސެމްބަރު 2025، 11:09

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކަށްވެސް، އެތަން ދޫކޮށްލުމަށްފަހު، މިހާރު ހިންގާ ހައުސިންގ ސްކީމްތަކުން 3 ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭނެ ގޮތަށް އުސޫލު ބަދަލުކުރައްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ބަދަލު ގެނެސްފައިވަނީ އާއިލާ ބޮޑުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓްގައި ދިރިއުޅެން ދަތިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެކުރީގެ ހައުސިންގ ސްކީމްތަކުން އެއް ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތްތަކަށް މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށެވެ. މިއީ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމަކަށްވުމުން، ރައްޔިތުންގެ ހުށަހެޅުންތަކަށް ރިއާޔަތްކުރައްވައި، ސަރުކާރުން އެ އުސޫލު މިހާރު ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ބަދަލުގެ ސަބަބުން ކުރީ ޒަމާނެއްގައި އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް 3 ކޮޓަރީގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، މި ސްކީމުން ހޮވިއްޖެނަމަ، ކުރިން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލަން ޖެހޭނެއެވެ.

"3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ބަލާއިރުވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިކަމަށް ޙައްލު ހޯދައިދީ، ރައްޔިތުންނަށް ދިރިއުޅުމަށް އެކަށޭނެ ތަންތަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ އަތޮޅުތަކާއި މާލެ ސަރަޙައްދުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް މަސައްކަތްކުރަމުންނެވެ.

މި ސިޔާސަތުގެ ދަށުން، 'ބޯހިޔާވަހިކަން އެންމެންނަށް' މި ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ސަރަޙައްދުން ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. މި ސްކީމްގައި ޖުމްލަ 15,000 ގޯއްޗާއި 7,500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ރައްޔިތުންނަށް އަގުހެޔޮކޮށް ދިރިއުޅުމުގެ ޙައްޤު ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން