ޚަބަރު
ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓްތަކަށް ދިން ޕޮއިންޓްތަކަށް މިސަރުކާރުން ބަދަލެއް ނުގެނޭ، އަދި ނުވެސް ގެންނާނެ: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު.
ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓްތަކުގެ ޕޮއިންޓްތަކަށް މި ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި، އަދި ނުވެސް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރޭ މާލޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެމަނިކުފާނު އެންމެ ބޮޑު ވަޢުދެއް ވެފައިވާ އަދި އެންމެ މުހިންމު މައްސަލަ ކަމަށެވެ. މީގެ އިތުރުން، ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ މި މައްސަލަ އަކީ އިމޯޝަނަލް ވާނެ ކަމެއް ކަމަށާއި، އެކަން ފުރިހަމައަށް ދެނެގަންނަ ކަމަށް ވިދާޅުވިއެވެ. އެކި ބޭފުޅުންނަށް އެކި ގޮތްގޮތަށް ވިދާޅުވެވޭނެ ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނު މި ވާހަކަފުޅު ދެއްކެވީ ފްލެޓް ޕޮއިންޓް ބަދަލުކުރި ކަމަށް ބުނެ މީހަކު ދެއްކި ވާހަކައަކަށް އިޝާރާތް ކުރައްވަމުންނެވެ.
ފްލެޓް ޕޮއިންޓް ބަދަލުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ފަހުން އެފްޑީސީ ފްލެޓް ދިން އިރު އެކަކަށް ވެސް ޕޮއިންޓް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެންނެވި ކަން ސާބިތުކޮށްދެއްވާފައެވެ. "ވަރަށް ފާމްކޮށް ވަރަށް ސާފުކޮށް ވަރަށް ޔަގީން ކަމާއި އެކު ބުނާނަން އެގޮތަކަށް ނުދެން، މިދިޔަ ސަރުކާރުން ފްލެޓްދިން މީހުންނަށް 76 އިން މައްޗަށް ހުރި މީހުންނަށް އަދި 75 އިން އޮންނަ އުސޫލަކުން މިދިޔަ ސަރުކާރުން ކަނޑަ އަޅާފައި އޮން ގޮތަކަށް ނޫނީ ބަދަލެއް ނުގެންނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މައިމުޅަވެފައިވާ ފަރާތްތަކަށް ހާއްސަ ކެޓެގަރީއެއް ކަނޑައެޅުއްވިކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މައިމުޅަވެފައިވާ ފަރާތްތަކަކީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ހައުސިން ސްކީމެއްގައި ރިކޮގްނައިޒްކޮށްފައި ނުވާ ފަރާތްތައް ކަމަށެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މި ފަރާތްތަކަށް ވަކި ކެޓެގަރީއެއް ކަނޑައަޅައި ފްލެޓް ނުވަތަ ގޯތި ހަމަޖައްސައިދޭނެ ކަމަށް ވައުދުވެފައިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިކަން ކަނޑައެޅުއްވީ އެމަނިކުފާނު ކަމަށާއި، އެއީ މީގެ ކުރިން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެ ވައުދަކީ ރިޔާސީ ކެމްޕޭނުގައި ލިޔެވިފައިވާ ވައުދެއް ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.
ކަބަލުން
17/12/2025 13:19
ޕޮއިންޓަށްބަދަލުނުގެންނަނަމަ ލިބިފަހުރިފުލެޓު ކީއްވެ ނުދިނީ އަތުލީ ކޮބާފުލެޓު ދީ.