ޚަބަރު
ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭނެ ގޮތް ހަމަޖައްސާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވައިފި
ރައީސް މުޢިއްޒު ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރެއްވުން
ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެބޭފުޅުންގެ ޕެންޝަން ފައިސާ އެއްކޮށް ނެގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މާލޭ، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޕެންޝަންގެ ފައިސާ ބޭނުންކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް ހައުސިންގެ ބައެއް ކަންކަމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމަށް ދިމާވާ މާލީ ދަތިތަކަށް ލުއި ދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
މި ފުރުސަތުތައް އިތުރުކުރުމަށްޓަކައި ޕެންޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިތުރު ބައެއް ކަންކަން ހިމަނައިގެން ޕެންޝަންގެ ޤާނޫނު އަނެއްކާ ވެސް އިސްލާޙުކުރަން ދާދި އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ދެއްވި މައުލޫމާތުގައި، ޕެންޝަން ފައިސާ އެއްކޮށް ނެގޭނެ ގޮތް ހަމަޖައްސަނީ ޚާއްސަކޮށް ޓާމިނަލް އިލްނެސް (ދާއިމީ ބަލި) އެއްގައި އުޅޭ ފަރާތްތަކަށް ކަމަށް ވިދާޅުވިއެވެ.
"ޓާމިނަލް އިލްނެސް އެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިކަހަލަ ބައެއް ކަންކަން އަދި ހައުސިންގައި ދެވޭ ފުރުސަތުގެ އިތުރުން ހައުސިން އާއި ގުޅޭ އިތުރު ކަންކަން ހިމެނޭހެން މިކަހަލަ އެތައް ކަމެއް އިތުރު ފުރުސަތު ހިމެނޭހެން ޕެންޝަން ގާނޫނު އިސްލާހު ކުރަން ދާދި އަވަހަށް އެބަ ފޮނުވަން މަޖިލީހަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އިސްލާޙުތަކާއެކު ގިނަ ފަރާތްތަކަށް މިހާރަށް ވުރެއް ގިނަ ފުރުސަތު ޕެންޝަންގެ ތެރެއިން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވިއެވެ. މިއީ ޚާއްސަ ހާލަތްތަކުގައި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.