ޚަބަރު
ރޭގަނޑު 12ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް ފިޔަވަޅު އަޅަން ރައީސް އަންގަވައިފި
ރައީސް ޑރ މުއިއްޒު ދާޚިލީ ވަޒީރު އިޙްސާން އަދި ސީޕީ ނަވީން އާއެކު
ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.
މިކަން މިރެއިން ފެށިގެން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ. އެހެންކަމުން، ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާއި ސުވާލުކޮށް ހެދުމަށް ދިވެހި ފުލުހުންނަށް ވަނީ އަންގަވާފައެވެ.
ރައީސް ވިދާޅުވީ، އެމީހުންނާއި ސުވާލުކުރާއިރު ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ، އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށެވެ. މިކަން ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ބެލުމަށް ވަނީ އަންގަވާފައެވެ.
މިކަމަށް ބާރުލިބިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށްފަހުގައެވެ. ރައްޔިތުން ވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ގަޑިތަކުގައި ބިދޭސީން އެއްވެ އުޅޭތަން ފެންނަކަމަށާއި އަދި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަން ފާހަގަވާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި އެހެން ޤައުމުތަކުގައި ވެސް ވަކި ގަޑިތަކެއްގެ ފަހުން ބޭރުގައި އުޅޭނަމަ ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލާކަންވެސް ރައްޔިތުން ފާހަގަކުރެއްވިއެވެ.
ރައްޔިތުން ހުށައެޅި ޚިޔާލުތަކާއި ކަންބޮޑުވުން އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މުޖުތަމަޢުގެ ހަމަޖެހުމާއި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު އެފަދަ ކަންކަން ބިދޭސީންގެ ފަރާތުން ހިނގާތޯ ބެލުމަށާއި އަދި ވަކި ގަޑިއެއްގެ ފަހުން ބޭރުގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް އެކަންކަން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަންގަވާފައެވެ.
ސަރުކާރުން ވިދާޅުވަނީ، ރައްޔިތުންނާއެކު ބާއްވަވާ އެކި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ އަދި އިޖާބަދެއްވާނެ ކަމެއްކަމަށެވެ. އަދި އެފަދަ ޚިޔާލުތަކަކީ ޤައުމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުވެގެންދާކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.