ވިޔަފާރި / ޚަބަރު
ކާގޯ ޑެމަރޭޖު ފީ ނުނަގާ ވަގުތު އިތުރުކޮށް މުދާ ދޫކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ނިންމައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް ގެންނަ މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކޮށް، އެ ޚިދުމަތް ދެމުން އަންނަ ވަގުތު 24 ގަޑިއިރަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯއްދެވުނަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހުގެރޭ މާލޭގެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސްގެ މި ނިންމެވުމަކީ، އެ ބައްދަލުކުރެއްވުމުގައި ކުރިއަރ ޚިދުމަތްދޭ ވިޔަފާރިވެރިއަކު، މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް ޚިއްސާ ކުރައްވައި، އެ ކަމުގެ ސަބަބުން ވިޔަފާރި ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ޚިއްޞާ ކުރެއްވުމުން، ހަމަ ރެއިންރެޔަށް ނިންމެވި ނިންމެވުމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ގިނައިން މުދާ ގެންނައިރު، ޑެމަރޭޖު ފީ ނެގުމުގެ ކުރިން ހޭދަވާ މުއްދަތު ކުރުކަމުންނާއި، އުސޫލުގެ ތެރެއިން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެކަން ކުރެވޭނެ ގޮތެއް ނޯންނަކަމަށާއި، މިކަމުގެ ސަބަބުން ޑެމަރޭޖު ފީގެ ގޮތުގައި ބައެއް މަސްމަހު މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭކަމަށް ވެސް ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކުދި ވިޔަފާރިތަކަށް ކުރިޔަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި، އެގޮތުން ޑެމަރޭޖު ނަގާ މުއްދަތު އިތުރުކުރައްވައި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މުދާ ދޫކުރުމުގެ ޚިދުމަތް 24 ގަޑިއިރު އިތުރުކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ރައީސް ނިންމެވިއެވެ. އެގޮތުން ވިޔަފާރިވެރިންނަށް ވެއަރހައުސް އާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލައަށް އިޝާރާތްކުރައްވާ ވިދާޅުވީ، ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އެންމެ ގިނަ ވިޔަފާރިވެރިން ހުށަހެޅި އެއް ކަމަކީ ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި، ފައިސާ ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ. މިކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި މަސް ނިމުމުގެ ކުރިން ވީހާވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށާއި، ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ވިޔަވާރިވެރިން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން ވަކިވަކި ކަންކަމަށް އިޝާރާތް ނުކުރެއްވި ނަމަވެސް ކޮންމެ ޚިޔާލަކާއި މަޝްވަރާއަށް ޤާނޫނާއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ވިޔަފާރިތަކަށް އާރޯކަން ގެނެސްދެއްވުމަށް ކޮށްދެވެން އޮތް އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.