ޚަބަރު
އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އަލީބާބާގައި އެވިޔަފާރިތަކުގެ އުފެއްދުންތައް ވިއްކޭނެ ގޮތް ހަދައިފި
ރައީސް މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުން
އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބައިނަލްއަގްވާމީ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ އަލީބާބާ މެދުވެރިކޮށް އެފަރާތްތަކުގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ގިނަ ވިޔަފާރިވެރިން ވަނީ ރާއްޖެއަށް ބޭރު ފައިސާ ގެނައުމުގައި އަދި ފޮނުވުމުގައި ހުރި ދަތިތައް ރައީސްއާ ހިއްސާކޮށްފައެވެ. އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކްރިއޭޓިވް އިންޑަސްޓްރީގެ ދާއިރާގައި ހިމެނޭ އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ގުޅިފައިވަނީ މި ސިނާޢަތް ފުޅާކުރުމާ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު މިއަދު ވަނީ ފަހިވެފައި ކަމަށެވެ. އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު ހަމަޖެހިފައިވަނީ އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، "އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައިވަނީ. އެ ފަރާތްތަކަށް އަލީބާބާގެ އެކްސަސް ލިބިފައިވަނީ. އެހެންވީމަ އޭގަ އެބޭފުޅުންގެ އުފެއްދުންތައް ވިއްކޭނެ. އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވީމަ އެކްސެސް ލިބިގެން އެ ދިޔައީ." ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދެއްވާނެ ކަމަށާއި، ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ. މިކަމަށްޓަކައި ވިޔަފާރިތަކާއި ގުޅުންހުރި ފަރާތްތަކާއި ގާތުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޕޭޕަލްއާއެކު ވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސްގެ އުއްމީދަކީ ޖެނުއަރީ މަހު ޕޭޕަލްގެ މަސައްކަތް ނިމި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވިގެން ދިއުމެވެ.