Ads by Stelco

ޚަބަރު

މިހާރު ހަވާލުކުރަމުންދާ ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓު ކުޑަކޮށްދޭން ނިންމައިފި

މިހާރު ހަވާލުކުރަމުންދާ ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓު ކުޑަކޮށްދޭން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭ ފޭސް2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ޑިސެމްބަރު 2025، 06:21

19 ޑިސެމްބަރު 2025، 06:21

މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 4،000 ފުލެޓުގެ ކުއްޔާއި ޑައުންޕޭމަންޓު ކުޑަކޮށްދިނުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ، ހުޅުމާލޭ ފޭސް-2ގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެރޭ ސަލާޙުއްދީން ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުކުރެއްވުންތަކަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، މިހާރު ދޫކުރަމުންދާ ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމުގައެވެ. އެހެންކަމުން، އެކަމަށް ގެންނަވަން ނިންމެވި ބަދަލުތައް ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ޚިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 3 ކޮޓަރީގެ ފްލެޓުތަކުގެ ޑައުންޕޭމަންޓު 25،000 ރުފިޔާއިން 8،000 ރުފިޔާއަށް ކުޑަކޮށްދޭން ނިންމަވާފައިވާ ކަމަށާއި، އެ ތަންތަނުގެ ޖުމްލަ މަހު ކުލި 10،500 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދޭން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ޑައުންޕޭމަންޓު 15،000 ރުފިޔާއިން 6،000 ރުފިޔާއަށް، އަދި މަހު ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށްދޭން ނިންމަވާފައިވާކަމަށެވެ.

3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ މަހުން މަހަށް އޮންނަ އަގާއި އަދި މެއިންޓަނަންސްއާއި ހުރިހައި އެއްޗެއް އެއްކޮށް މިއޮތީ 10،500. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް އަދި އެޑްވާންސް ޕޭމަންޓް 25،000 ރުފިޔާ 8،000 ކުޑަކުރެވިގެންދާނެ. ދެން ހަމަ އެއާއިއެކީގައި 7،000 ރުފިޔާ ދައްކަން މިއޮންނަނީ 2 ކޮޓަރީގެ ފަރާތްތައް އެފްޑީސީގެ ފްލެޓްތަކުގައި އެ އަދަދު މި ކުޑަކުރެވިގެންދަނީ 6،000 ރުފިޔާއަށް. ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ހަމަ އެއާއިއެއްގޮތަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް 1 މަހުގެ ކުއްޔަށްވާވަރަށް ކުޑަވެފައި އޮންނާނީ.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފްޑީސީގެ ފަރާތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ރިވައިޒްކޮށް އައުކުރާނެކަމަށެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހިން ވިނަރެސް ފްލެޓްތައް ގަންނަން އެކި ފަރާތްތަކުން ވަނީ ލޯނުތައް ނަގާފައި ކަމަށާއި އެ ފަރާތްތަކަށް ބީއެމްއެލްއިން ލުއިތަކެއް ދެމުންދާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ވަޢުދުފުޅަކީ، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމެވެ. އެގޮތުން ރަސްމާލެ ހިއްކަން ފެށީ ވެސް އެ ވަޢުދު ފުއްދެވުމުގެ ގޮތުންކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން