ޚަބަރު
ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ފްލެޓްތަކުގެ ކުއްޔާއި ސަލާމަތީ ކަންކަން ހިމެނޭހެން ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް، ވީ އެންމެ ރަނގަޅަކަށް، ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ޞަލާޙުއްދީން ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރައްޔިތުން ހިއްސާކުރި ޚިޔާލާއި މަޝްވަރާއާއި، އަދި ފާޅުކުރެއްވި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން، މީގެ ކުރިން ކަންހިނގާ ދިޔަގޮތުން ހައްލު ނުކުރެވި، ގިނަވެފައި ހުރި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ވާހާކަފުޅުދައްކަވަމުން ރައީސް ވަނީ، ރައްޔިތުންގެ ދިރިއުޅުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިންނާއި، ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އިޖުތިމާޢީ މައްސަލަތަކާއި، އެކިކަހަލަ ބޮޑެތި ކުށްކުށުގެ މައްސަލަ ފޭސް 2 ގައި ބޮޑުވެފައި އޮތް މިންވަރު ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަންކަމަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތްތަނުގައި ފެންނަ ނަތީޖާ ރަނގަޅުވާނެ ކަމަށާއި، ފޭސް 2 ގެ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، ކޯޕަރޭޓިވް ސޮސައިޓީތައް ހެދިފައި ނެތްނެތުން ފާހަގަކުރެއްވިއިރު، އެކަމަށް ނިމުމެއް ގެނައުމަށްޓަކައި އެޗްޑީސީއާ ހައުސިންގް މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހަމަ އެއާއެކު، ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަން އެގޮތަށް ކުރެއްވުމަށް އެޗްޑީސީއަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، 2 ލައްކަ ރުފިޔާ އުނިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފޭސް 2 ގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމަށް، އެޗްޑީސީއިން މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން، ހަމަ އެގޮތުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
ރައީސް ވަނީ، ހުރިހާ ރައްޔިތުން ފާހަގަކުރައްވާ ހުރިހާ ކަމަކީވެސް ސީރިއަސްކަމާއެކު ރިޢާޔަތްކުރައްވާނެ ކަންތައްތަކެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.