ޚަބަރު
އާދީއްތަ ދުވަހުގެ ރޭ ރައީސް މުޢިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭ ސަރަޙައްދުގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، އަންނަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއެހުމާއި، ސަރުކާރުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަކީ މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސުކޫލުގައި ކަމަށެވެ. "ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާ" ކަމަށްވެސް ހީނާ ވިދާޅުވިއެވެ. މި ބައްދަލުވުމަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ހައްލުކުރަންޖެހޭ މައްސަލަތައް ސީދާ ރައީސްއާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މި ސިޔާސަތުގެ ދަށުން އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަޙައްދުގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ.
މާލެ ސަރަޙައްދުގައި މީގެކުރިން ބޭއްވި ބައްދަލުވުންތަކަށް ބަލާއިރު، އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އޭގެ ފަހުން މާލޭގެ މައިގަނޑު އަވަށްތަކުގެ ތެރެއިން މައްޗަންގޮޅިއާއި، މާފަންނާއި، ހެންވޭރުގެ ރައްޔިތުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ގަލޮޅު އަދި ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ރައްޔިތުންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ދިމާވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް މި ބައްދަލުވުމުގައި އެމީހުންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ.