Ads by Stelco

ޚަބަރު

ދިވެހި ބަހުން ފޮތް ލިޔެ ޗާޕުކުރުމަށް ސަރުކާރުން އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދެނީ

ދިވެހި ބަހުން ފޮތް ލިޔެ ޗާޕުކުރުމަށް ސަރުކާރުން އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދެނީ

ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޑިސެމްބަރު 2025، 07:18

21 ޑިސެމްބަރު 2025، 07:18

ދިވެހި ބަހުން ފޮތް ލިޔެ ޗާޕުކުރުމަށް ސަރުކާރުން އަގުހެޔޮ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ހޮނިހިރުދުވަހުގެ ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ބަސް އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަށް ކުޑަކުދީން ކިޔާނެ ފޮތްތައް ބޭނުންވާ ކަމަށާއި، ނަމަވެސް ފޮތް ޗާޕުކުރުމުގެ ޚަރަދުބޮޑުވުމަކީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ހުރަހެއްކަން އެނގިލައްވާ ކަމަށެވެ. އަދި މިއީ ޤައުމީ މައްސަލައެއް ކަމަށާއި، މިކަން ދޫކޮށްލައިގެން ފަރުޖެއްސެން ނޯންނާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މި ގޮންޖެހުންތައް ހުރަސްކޮށް ދިވެހި މާދަރީ ބަސް ޖީލުތަކަށް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ފޮތް ލިޔެ ޗާޕުކުރާ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަލްސާގައި ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ. ވީމާ ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތްޗާޕުކުރުމުގައި ކުރިޔަށް އޮތް ތާނގައި، ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމާ ގުޅޭ ގިނަކަންކަމަށް އަލިއަޅުވާލައި، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އެ މަނިކުފާނު އިއުލާންކުރައްވާފައެވެ. 

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އަދަބީ މުބާރާތުގައި ބައިވެރިވި ކުދީންގެ ކިބައިގައިވާ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަން ހަނދާންކޮށްދެއްވާ އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން ދިވެހި ޤައުމާ އެއްކޮޅަށް އަބަދުވެސް ބޭނުން ކުރެއްވުމަށް ގޮވާލައްވަމުންނެވެ.

މިއީ ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޤައުމީ ފެންވަރުގައި ބޭއްވުނު ފުރަތަމަ ފަހަރެއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން