ޚަބަރު
ދިވެހި ބަހުން ކާޓޫން ފަދަ ތަކެތި ތައްޔާރުކުރުމަށް ބާރުއެޅުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމައިފި
ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ދިވެހި ބަހުން ކުޑަކުދިންނަށް ޚާއްޞަ ކާޓޫނާއި ކުރު ފިލްމުތައް ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަމައެކަނި ފިލާވަޅުތަކަކުން ކުޑަކުދިންނަށް އުނގަންނައިދޭން ވިސްނުމަކީ މި ޒަމާނަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތެއް ނޫންކަމަށާއި، އެހެން ޤައުމުތަކުގައި މިކަން ކުރަމުން އަންނަ ގޮތަށް ބަލާއިރު، ކުޑަކުދިންނަށް އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ ކާމިޔާބު ކަމެއްކަން ސާބިތުވާ ކަމަށެވެ.
ނަމަވެސް ރާއްޖެއަށް ބަލާއިރު، މިފަދަ ކަންކަން ނެތުމަކީ ކުޑަ ކުދިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮތް ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމާއި، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ތައްޔާރުކުރުމަކީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު، ޓެކްނޮލޮޖީގެ ޒަރީއާއިން ކުދީންނަށް އުނގަންނައިދެވޭނެ މަގެއް ކަން ފާހަގަކުރެއްވިއެވެ.
ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އަދި މިކަމަކީ ވަކިން ޚާއްޞަކޮށް ރާއްޖޭން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކަށް މުހިންމު ކަމެއްކަމަށާއި، މީގެ އިތުރުން ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި، ކުޑަކުދީންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލެއްވޭނެ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ފަދަ ވަގުތަކު ވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިޔޯ ނުވަތަ ގޭމް ފަދަ ތަކެތި ނެތްކަމުގެ - ހަމަ އިޚްލާޞްތެރި ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރީން ފާޅުކުރައްވާ! އަޅުގަނޑު ބޭނުންވަނީ މި ބޮޑު ޤައުމީ އުދާސްތަކަށް ހައްލެއް ގެންނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް، ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މާދަރީ ބަސް ޖީލުތަކަށް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ފޮތް ލިޔެ ޗާޕުކުރާ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމާ ގުޅޭ ގިނަކަންކަމަށް އަލިއަޅުވާލައި، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އެ މަނިކުފާނު އިއުލާންކުރައްވާފައެވެ.
މިއީ ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޤައުމީ ފެންވަރުގައި ބޭއްވުނު ފުރަތަމަ ފަހަރެއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.