ޚަބަރު
މަސާޖުކުރަމުން ދިޔަ 83 ތަނާއި ބިދޭސީން ހިންގަމުން ދިޔަ 56 ވިޔަފާރިއެއް ބަންދުކޮށްފި
ބިއުޓީ ސެލޫންގެ ނަމުގައި ހިންގަމުން ދިޔަ ތަނެއް ޗެކުކުރުން / ފޮޓޯ: އިމިގްރޭޝަން
ގްރޭޓާރ މާލޭ ސަރަޙައްދުގައި ހިންގަމުން ދިޔަ 83 މަސާޖު ޕާލާ އާއި، ބިދޭސީން ހިންގަމުން ދިޔަ 56 ވިޔަފާރިއެއް، ފާއިތުވި 3 ހަފްތާއެއްހާދުވަހުގެ ތެރޭގައި ބަންދުކޮށްފިއެވެ.
ހުޅުމާލޭ ފޭސް-1ގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި މިކަން ހާމަކުރެއްވީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ޚިޔާލާއެކީ އިތުރު ހިތްވަރަކާއެކު 9 ޑިސެންބަރުން ފެށިގެން، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަނާއި އަދި އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދަވަމުންދާ އޮޕަރޭޝަންތަކުގެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށެވެ.
އެ މަނިކުފާނު މިދިޔަ އަންގާރަ ދުވަހުގެރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ތަންތަން ބަލައި ބަންދުކުރަމުންދާއިރު، އެފަދަ ތަންތަން ހިންގާ ބައެއް ފަރާތްތަކުން އަމިއްލައަށް ވެސް ބައެއް ތަންތަން ބަންދުކުރަމުންދާކަމަށެވެ.
މީގެއިތުރުން ޤަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން، ބިދޭސީން ކުރަމުން ދިޔަ 56 ވިޔަފާރިއެއް ވެސް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ރައްޔިތުންގެ ޚިޔާލާއެކު ކަމާގުޅޭ އިދާރާތަކުން 9 ޑިސެންބަރުން ފެށިގެން އިތުރު ހިތްވަރަކާއެކު ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ސެލޫންތަކުގެ ނަމުގައި މަސާޖު ޕާލާތައް ހިންގަމުންދިޔަ 83ތަން މިހާތަނަށް ބަންދު ކުރެވިއްޖެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް، މި މިންގަނޑަށް މަސައްކަތްކުރެވިފައި ނުވާކަމަށެވެ. އެގޮތުން މިހާ ކުރުމުއްދަތެއްގެ ތެރޭގައި މަސާޖުކުރަމުން ދިޔަ ގިނަ ތަންތަނާއި، ބިދޭސީން ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓުވިގެން ދިއުމަކީ ތާރީޙީކަމެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިޔަށް ގެންދަވާނެ ކަމަށާއި، މިދަފަ އޮޕަރޭޝަންތައް ނުހުއްޓި ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މުޖުތަމަޢުގައި ހުރި މިފަދަ ކަންކަން ޙައްލުކުރުންކަމަށް ވެސް ވިދާޅުވިއެވެ.