ޚަބަރު
ދަރިވަރުންނަށް ސްކޫލްތަކަށް ފޯނު ނުވެއްދޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް ޑރ މުޙައްމަދު މުޢިއްޒު ހުޅުމާލެ 1ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން.
އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާހުގައި މޯބައިލް ފޯނު ބޭނުން ނުކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން ހާމަކުރެއްވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލަގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ޙައްލުކުރުމަށް ނުވަތަ އެކަން މަނާކުރުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން ސަރުކާރަށް އެދެމުންދާކަމަށެވެ. ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަންކަން އިސްލާޙުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މިކަން ހައްލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
މިހާރުވެސް ގްރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާކުރެވިފައިވީ ނަމަވެސް، އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވެމުން ނުދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެކަމަށާއި، ސްކޫލް ގަޑީގައި އެ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭލެވެލް ކިޔަވާ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ދަރިވަރުންގެ ފޯނުތައް ހުންނަށްވާނީ އެކަމަށް ޚާއްސަކުރެވިގެން ސްކޫލްގައި ބަހައްޓާ ލޮކަރެއްގައި ކަމަށެވެ.
ސްކޫލްތަކަށް ފޯނު ނުވެއްދޭނެ ގޮތައް ހެއްދެވުމަށް ނިންމަވާ ރައީސް އެކަން އިޢުލާނު މިކުރެއްވީ މިފަހަކުން އައްޑޫގެ ސްކޫލެއްގެ ތެރޭގައި ހިނގި ކަންތަތަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށެވެ.