ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާލެ ސަރަޙައްދުގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭ ފޭސް-1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
22 ޑިސެމްބަރު 2025، 08:20
22 ޑިސެމްބަރު 2025، 08:20
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލޭގެ ހުރިހާ އަވަށްތަކެއްގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، މާލެ ސަރަޙައްދުގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމަވާލައްވައިފިއެވެ.
މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ކުރިޔަށް ގެންދިޔަ ބައްދަލުކުރެއްވުންތަކެކެވެ.
މި ބައްދަލުވުންތައް މިދިޔަ މަހުގެ 23ވަނަ ދުވަހުގެރޭ ވިލިމާލެއިން ފެއްޓެވިއިރު، އެ މަނިކުފާނު މިވަނީ މާލޭ ސަރަޙައްދުގައި ޖުމްލަ 9 ބައްދަލުވުމެއް ބާއްވަވައި، އެތައް ގަޑިއިރެއް ރައްޔިތުންގެ އަޑު އެއްސެވުމުގައި ހޭދަކުރައްވާފައެވެ. މީގެ ތެރޭގައި މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ކުދި އަދި މެޗުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަކި ބައްދަލުވުމެއް ޚާއްޞަކުރެއްވިއެވެ.
މި ބައްދަލުވުންތަކުން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ، ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން އަވަސް ޙައްލެއް ހޯއްދަވައިދެއްވެން އޮތްކަންކަން ދެނެގަނެ، އެ ކަންކަން ޙައްލުކޮށްދެއްވުމުގެ މަސައްކަތް ޢަމަލީ ގޮތުން ފެއްޓެވުމެވެ. އޭގެ ތެރޭގައި އެތައް ބައެއްގެ މަސްލަހަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނެއެވެ.
މިކަންކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ޙިއްޞާކޮށްލާނަމެވެ.
- ކުރީގެ ސްކީމްތަކުން 1 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލެވޭގޮތަށް، އުޞޫލަށް ބަދަލުގެނެވި، ޝަރުތު ހަމަވާނަމަ އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމަށްފަހު މިހާރު ހުޅުވާލާފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލުވުމުގެ ފުރުޞަތު ހުޅުވާލުން
- އެފްޑީސީން ދޫކުރުމަށް ތައްޔާރުވަމުންދާ އެޕާޓްމެންޓުތަކުގެ ކުއްޔާއި އެޑްވާންސް ފައިސާ ކުޑަކުރުން
- ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކުރައްވަން ނިންމެވުން
- މާލޭގެ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރަށް ގެނެވޭ މުދަލަށް ޑެމަރޭޖު ނާރާ ބެހެއްޓޭނެ މުއްދަތު އިތުރުކުރުން
- މާލޭގެ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭ ގޮތަށް ހަމަޖެއްސުމަށް ނިންމެވުން
- ސެލޫންތަކުގެ ނަމުގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރުމަށް އިތުރު ހިތްވަރަކާއިއެކު ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް އޮޕަރޭޝަންތައް އިތުރުކުރުން
- ބިދޭސީން ޤަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ބަންދުކުރުމަށް ކުރިޔަށްގެންދާ އޮޕަރޭޝަން ވަރުގަދަކުރުން
- ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ، އެ ފިޔަވަޅުއެޅުއްވުމަށް އިރުޝާދުދެއްވުން
- ރިޓަޔާރޑް ބޭފުޅަކު އިލެކްޓެޑް ނުވަތަ އެޕޮއިންޓެޑް މަޤާމަކަށް ވަޑައިގެންފިނަމަ، އެ ވަޒީފާގެ މުއްދަތުގައި ޕެންޝަން ފައިސާ ނުލިބޭނެ ގޮތަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ފެށުން
- އުމުރުން 75 އަހަރާ ހަމައަށް ވަޒީފާ އަދާކުރުމަށް ޤާނޫނީ ގޮތުން ޙުއްދަކުރަން ނިންމުން
- ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވަން ނިންމެވުން
- ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމެވުން
- ސަރުކާރުގެ އޮފީސްތަކުގައި ހެދުން އެޅުމުގެ މިންގަނޑަށް ބަދަލުގެނައުމަށް ނިންމެވުން
- އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްގައި ކިޔަވައިދޭ ގަޑީގައި ދަރިވަރުންނަށް ފޯނު ބޭނުން ނުކުރެވޭނެ ގޮތަށް ނިންމެވުން
ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުވުންތަކުގައި ގިނަ ބަޔަކު އުފަލާއެކު ފާހަގަ ކުރެއްވި އެއް ޝުޢޫރަކީ، ޤައުމުގެ އެންމެ މަތީވެރިޔާއާ ގާތުން ބައްދަލުވެ، އެކިކަންކަން ޙިއްޞާ ކުރެއްވުމުގެ ފުރުސަތު ލިބުމެވެ. އަދި މިއީ ރައްޔިތުން ބޭނުންވާ ގޮތެއްކަމަށާއި، ނަމަވެސް ކުރީގެ ރައީސުން އެ ފުރުސަތު ދެއްވާފައިނުވާކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ކޮންމެ ބައްދަލުވުމަކަށްފަހު ރައްޔިތުން ޙަވާލު ކުރައްވަން ބޭނުންފުޅުވާ ސިޓީ އާއި ވަކިން ރައީސުލްޖުމްހޫރިއްޔާއާ ރައްޔިތުން ޙިއްޞާ ކުރައްވަން ބޭނުންފުޅުވާ ވާހަކަތައް ވެސް އެ މަނިކުފާނު އަޑުއެއްސެވިއެވެ. އެގޮތުން ރަސްމީ ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި ވެސް، ދެތިން ގަޑިއިރު ކެތްތެރިކަމާއެކު އެ މަނިކުފާނު ވަނީ ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ވަގުތުދެއްވާފައެވެ. މީގެތެރެއިން ހުޅުމާލޭ ފޭސް-2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވެވި ބައްދަލުވުމަށްފަހު، ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އެ މަނިކުފާނު ވަޑައިގެންނެވީ މެންދަމުން އަލިވެ 3 ޖެހިފަހުންކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭ ފޭސް-1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ، ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހުންނާނެކަން އެ މަނިކުފާނަށް އެނގިލައްވާ ކަމަށާއި، އެހެންކަމުން އެކަންކަން ކެތްތެރިކަމާއެކު އެ މަނިކުފާނު އަޑުއައްސަވާނެ ކަމަށެވެ. ސަބަބަކީ މީގެ ކުރިން ރައްޔިތުންނަށް މިފަދަ ފުރުސަތުތައް ލިބިފައި ނެތުންކަން ފާހަގަ ކުރެއްވެވިއެވެ.
އަދި މީގެ އިތުރުން، މަޝްވަރާގެ މަތިން ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރެއްވުމަށް ރައީސް އިސްކަންދެއްވާތީ ވެސް އެ މަނިކުފާނަށް ގިނަ ބަޔަކު ވަނީ މި ބައްދަލުވުންތަކުގައި ތަޢުރީފުކުރައްވާފައެވެ. ރައްޔިތުންގެ ތެރެއިން މިކަމާ ގުޅިގެން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ، ރައްޔިތުންގެ ޙާލު އެނގޭނީ ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުމުން ކަމަށާއި، މީގެ އިތުރުން އިޖުތިމާއި މައްސަލަތަކުގެ އަސަރު އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެ މުޖުތަމަޢެއްގައި އުޅޭ ބައެއްގެ ފަރާތުން ކަމުގައެވެ. އެހެންކަމުން އެފަދަ ކަންކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތަށް ވަޑައިގެންނެވުމަކީ އެ މަނިކުފާނުގެ އިޚުލާސްތެރިކަން ހާމަވެގެންދިޔަ ކަމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ވީމާ ގިނަ ބަޔަކު ވިދާޅުވަމުން ގެންދަވަނީ، ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި، މިފަދަ ހިތްހެޔޮވެރިއަކު މިހާތަނަށް ރައްޔިތުންނަށް ލިބިފައި ނުވާކަމަށެވެ.
މި ބައްދަލުވުންތަކުން އިވުނު އެންމެ އަސަރުގަދަ އަދި އެންމެ ގިނަ ބަޔަކު ވާހަކަ ދެއްކެވި މަޢުޟޫއަކީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެ ވަޢުދު ފުރިހަމަ ކުރެއްވުމަށް އެ މަނިކުފާނު ފެއްޓެވި ބިޔަ އެއް މަޝްރޫޢަކީ ރަސްމާލޭ ހިއްކައި، އެތާނގައި މީހުން އާބާދުކުރުމެވެ. އެ މަސައްކަތް މިހާރު ދަނީ ބާރު ދުވެލީގައި ކުރިއަށެވެ.