Ads by Stelco

ޚަބަރު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަން ނިންމައިފި

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭ ފޭސް-1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

22 ޑިސެމްބަރު 2025، 09:01

22 ޑިސެމްބަރު 2025، 09:01

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ނެގޭނެގޮތަށް އުސޫލުތައް ބަދަލުކުރައްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ހުޅުމާލެ ފޭސް-1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި މިކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމަކީ މާލޭ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިން މައްސަލައަށް ވެސް ޙައްލެއް ލިބިގެންދާނެ ބަދަލަކަށް ވެގެންދާނެކަމުގައެވެ. އެގޮތުން 10 ބުރިއަށް އިމާރާތް ކުރާކަމުގައި ވާނަމަ، ތިރީ ފްލޯ ޕާކިންއަށް ޙާއްޞަ ކުރަންޖެހޭ ގޮތަށް ހައްދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެ ބަދަލާއެކު އެއް ފްލޯ ދިރިއުޅުން ނޫން ބޭނުމަކަށް ބޭނުންކުރަން ޝަރުތުކުރައްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ. އަދި އެގޮތުން މި ގޯތިތަކުގެ ބާކީ ދައްކަން އޮތް ޢަދަދުން އެބައި ކެނޑިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އާދީއްތަ ދުވަހުގެރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ އަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިން ބޭއްވެވި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅުއްވި ޚިޔާލާއި މަޝްވަރާއާ ގުޅިގެން، މިހާތަނަށް ނިންމަވާފައިވާ ނިންމުންތަކާ ގުޅޭ ބައެއް ކަންކަން ޙިއްޞާކުރައްވާފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން 9 ޑިސްންބަރުން ފެށިގެން 21 ޑިސެންބަރާ ދެމެދު ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ސެލޫންތަކުގެ ނަމުގައި ހިންގަމުން ދިޔަ 83 މަސާޖުޕާލާއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށާއި،  ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ބަންދުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. 

 މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އޮފީސްތަކުގައި ހެދުން އެޅުމުގެ މިންގަނޑަށް ގެނެވިފައިވާ ބަދަލުތައްވެސް ޙިއްޞާ ކުރައްވާފައެވެ. އެގޮތުން ހެދުންއެޅުމުގެ މިންގަނޑު، ކުރިން ސިވިލް ސަރވިސްގައި ކަނޑައަޅާފައި އޮތްގޮތަށް ބަދަލުކުރެއްވުމަށް ނިންމަވައި، އެކަން އެގޮތަށް ބަދަލުކުރެއްވުމަށްޓަކައި މަޤާމުގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން ކަމާބެހޭ އިދާރާގައި ދަންނަވާފައިވާނެކަމުގައި ވިދާޅުވިއެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުންކުރުމުގެ ކަންބޮޑުވުން ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަން ޙައްލުކުރެއްވުމަށްޓަކައި، އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްގައި ކިޔަވައިދޭ ގަޑީގައި ދަރިވަރުންނަށް ފޯނު ބޭނުން ނުކުރެވޭނެހެން، އެކަން ތަޢުލީމީ ވުޒާރާއިން ބައްލަވާނެކަން ހާމަކުރައްވައި އެކަމުގައި ޢަމަލުކުރައްވާނެ ގޮތުގެ ބައެއް ތަފުސީލުތައް އެމަނިކުފާނު ހާމަކޮށްދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން