ޚަބަރު
ޑިޖިޓަލް އިކޮނޮމީއާއެކު ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމަށް ޒުވާނުންގެ ދައުރު މުހިންމު: ރައީސް
ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި، ޔޫތް ކޮފީ ވިތު ޕްރެޒިޑެންޓް ސެގްމަންޓް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
24 ޑިސެމްބަރު 2025، 07:14
24 ޑިސެމްބަރު 2025، 07:14
ޑިޖިޓަލް އިކޮނޮމީއާއެކު ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމަށް ޒުވާނުންގެ ދައުރު މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި، ޔޫތް ކޮފީ ވިތު ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤުތިޞާދު ތަރައްޤީކުރުމާއި އިޤުތިޞާދު ސިންދަފާތުކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގެއްކަމަށެވެ. އަދި ޑިޖިޓަލް ދާއިރާ ކުރިއަރުވައި ޑިޖިޓަލް އިކޮނޮމީއިން ދިވެހިރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ.
އެގޮތުން ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިޤުތިޞާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ޙިއްޞާކުރާ ދާއިރާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި، އެ މަސައްކަތުގައި ޒުވާނުންގެ ދައުރު ބޮޑުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވަރަށް އުފެއްދުންތެރި ކުދިން ތިބިއިރު ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދެއްވަން ބޭނުންފުޅުވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޯލްޑިވްސް 2.0އަކީ އެގޮތުން ޑިޖިޓަލް ދާއިރާއިން ރާއްޖެ ކުރިޔަށް ގެންދިއުމަށް ސަރުކާރުން ފެއްޓެވި ޤައުމީ ޕްރޮގްރާމެއް ކަމަށާއި، މިއަންނަ އަހަރުގެ އެންމެ ބޮޑު އެއް މަޢުޟޫއަކަށް ވާނީ އެކަންކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމުގައި އިސްނަގައިގެން ޒުވާނުންގެ ބައިވެރިވުން ދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޯލްޑިވްސް 2.0 އަކީ ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަގުނަ އުންމީދީ ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ ދައުރު ފެށޭއިރަށް މޯލްޑިވްސް 2.0އާ ގުޅޭ ހުށައަޅުއްވައިގެން ޤާނޫނީ ބާރުވެރިކަން ދެއްވާނެކަމަށާއި، އެއާއެކު ހުރިހާ އެޖެންސީތަކެއްގެ ތެރޭގައި ހުރި ހުރިހާ މަޢުލޫމާތެއް ގުޅޭ އެއް ވިއުގައެއް އުފެދިގެންދާނެކަމަށާއި އެގޮތުން މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ވިއުގައިގެ ތެރެއިން މަޢުލޫމާތު ނަގައިގެން ޚިދުމަތް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި 2027ވަނަ އަހަރުގެ ނިޔަލަށް ނެޝަނަލް އައިޑީ ކާޑު ބަދަލުވެގެންދާނީ ހުރިހާ ޚިދުމަތްތަކަށް ވާސިލުވެވޭ، ނެޝަނަލް ޑިޖިޓަލް އައިޑީ ކާޑަކަށްކަން އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުން ހުށަހެޅުއްވި ކަންތައްތައް އެންމެހާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން އީޖާބީގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.