ޚަބަރު
އިސްލާމީ އަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން: ރައީސް
އެއްބައިވަންތަކަމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ބޭނުންކުރެއްވި ތަސްވީރު---
ފަރުދުން
26 ޑިސެމްބަރު 2025، 10:37
26 ޑިސެމްބަރު 2025، 10:37
އިސްލާމީ އަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ ހިތްތަކުގެ އެންމެ ފުނަށް ފީނާއިރު ވެސް ފެންނަނީ އެ އެއްބައިވަންތަކަން ކަމުގައެވެ.
އަދި އެންމެން އެއްބައިވުމުގެ އިތުރުން، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމަށާއި އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލާން ވެސް އިސްލާމީ އަޤީދާ މަގުދައްކާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އާއި އެނޫން އުނދަގޫ ދަތި ޙާލަތްތަކުގައިވެސް ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެގެން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފެހެއްޓި ރިވެތި ޚުލްޤާއި ސުލޫކު ކަމަށެވެ.
އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން. އެކަކު އަނެކަކަށް ހެޔޮ ފޯރުވާން. އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލާން.
— Dr Mohamed Muizzu (@MMuizzu) December 26, 2025
ސުނާމީ ކާރިސާ ކުރިމަތިވީ… pic.twitter.com/cuikKo3tsb
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، ދިވެހީންގެ ބަދަހިކަން އިތުރުކުރައްވާ، ސަލާމަތާއި ރައްކާތެރިކަމުގައި ރާއްޖެ އަބަދުމެ ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، ސުނާމީ ކާރިސާގެ ހިތްދަތި ވަގުތުތަކުގައިވެސް ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ ހަނދާންތައް އައުކުރުމަށެވެ.