ޚަބަރު
ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ޙައްލާއެކު، މާލޭ ސަރަޙައްދުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ އުސޫލު އާންމުކޮށްފި
ވިނަރެސް ޓަވަރުތައް / ފޮޓޯ: މިހާރު
ފަރުދުން
29 ޑިސެމްބަރު 2025، 10:37
29 ޑިސެމްބަރު 2025، 10:37
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލަށް ބަދަލުގެނަސް، އައު އުސޫލުތައް ގެޒެޓްކޮށްފިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ މަނިކުފާނު ކުރިޔަށް ގެންދެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މި އުސޫލުތައް ކުރިން އޮތް ގޮތަށް ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ. އެއީ ކުރިން 1 ކަޓަރީގެ އެޕާޓްމެންޓެއް ލިބިފައި އޮތުމުން، މިހާރު ޙާލަތު ބަދަލުވެފައިވީ ނަމަވެސް އަލަށް ހުޅުވާލާ ފުރުސަތުތަކަށް ކުރިމަތި ނުލެވުމެވެ.
އެގޮތުން އުސޫލުތަކަށް ގެނެވިފައިވާ މައިގަނޑު ބަދަލުތައް:
- ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 1 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން؛
- ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން؛
- އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް، ނުވަތަ ގެއެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް އޮތް ނަމަވެސް، ބިމަށް ނުވަތަ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުން.
އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު 2 ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއް ވާނީ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10000 (ދިހަހާސް) ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 (ތިން ހާސް) ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2000 (ދެހާސް) ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ރަށްވެހިންގެ ކެޓަގަރީއިންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 (އެއްހާސް) ގޯއްޗާއި 1000 (އެއްހާސް) ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.
މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 (ހަތަރުހާސް) ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 (އެއްހާސް ފަސްސަތޭކަ) ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 (ދެހާސް ހަތަރުސަތޭކަ) ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.