ޚަބަރު
ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ބަނގުލަދޭޝްގެ ބޮޑު ވަޒީރު އަވަހާރަވީ އުމުރުން 80 އަހަރުފުޅުގައި---
ފަރުދުން
30 ޑިސެމްބަރު 2025، 10:20
30 ޑިސެމްބަރު 2025، 10:20
ބަނގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ދަނޑިވަޅުގައި ބަނގުލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އަދި މި ދަނޑިވަޅުގައި އެ ކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
My deepest condolences to the Government and the people of Bangladesh as the country mourns the loss of its first female Prime Minister, Begum Khaleda Zia.
— Dr Mohamed Muizzu (@MMuizzu) December 30, 2025
At this time of immense grief, may Almighty Allah grant strength and patience to the members of her bereaved family.…
އުމުރުން 80 އަހަރުފުޅުގެ ޚާލިދާ އަވަހާރަވެފައި ވަނީ ޞިއްޙީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޚާލިދާ މިދިޔަ މަހު ހޮސްޕިޓަލުގައި އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެންނެވެ. ނަމަވެސް ޚާލިދާއަށް ވަނީ ހިތުގެ މައްސަލަތަކާއި، ކިޑްނީގެ މައްސަލަތަކާއި، ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި، އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަނގުލަދޭޝްގައި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުގެ މަޤާމު އަދާކޮށްފައިވާ ޚާލިދާއަށް ވަނީ 2018ވަނަ އަހަރު ޖަލު ޙުކުމެއް ވެސް އިއްވާފައެވެ. ޝައިހް ހަސީނާގެ ވެރިކަމުގައި ޚާލިދާއަށް އިއްވި މި ޙުކުމަކީ ކޮރަޕްޝަންގެ ދަޢުވާކޮށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ޙުކުމެކެވެ. އެ މުއްދަތުގައި ބޭސްފަރުވާއަށް ޤައުމުން ބޭރަށް ވަޑައިގަތުން ވެސް ޚާލިދާއަށް މަނާކުރިއެވެ.
ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގައެވެ.