ޚަބަރު
ފައްތާޙުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ފައްތާޙުއަށް ވަނީ މުނިފޫހިފިލުމުގެ ދާއިރާއިން ޤައުމީ އިނާމު ވެސް ލިބިފައި / ފޮޓޯ: ފޭސްބުކް
ފަރުދުން
31 ޑިސެމްބަރު 2025، 09:39
31 ޑިސެމްބަރު 2025، 09:39
ސްޓްރޯކެއް ޖެހިގެން ކުއްލި ގޮތަކަށް ނިޔާވި ކުރީގެ ފިލްމް ޑައިރެކްޓަރ، ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެ މަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) December 30, 2025
މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް އަވަހާރަވުމުގެ ހިތާމައިގާ، އެ ޢާއިލާއަށް ތަޢުޒިޔާ… pic.twitter.com/RQED6LSccv
ފައްތާޙު ނިޔާވީ ސްޓްރޯކެއް ޖެހިގެން ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދަނިކޮށް، ކަނޑުމަތީގައި ކަމަށް ޚަބަރު ލިބެއެވެ. އަދި ފައްތާހުގެ ޖަނާޒާ ވަނީ ރޭގެ ފަތި ނސްަމާދަށްފަހު ދިއްދޫ އިސްލާމީ މަރުކަޒުގައި ބާއްވާފައެވެ.
އުމުރުން 54 އަހަރުގައި ފައްތާޙު ނިޔާވިއިރު އެނާ ދިރިއުޅެމުން ދިޔައީ އޭނާގެ އުފަން ރަށް، ހއ. ކެލާގައެވެ. އޭނާ އެ ރަށަށް ބަދަލުވީ 2018ވަނަ އަހަރުއެވެ.
އަދި އޭނާ ވަނީ މިއަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްގެ މަޤާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ނިންމާފައިވާކަން ވެސް އިޢުލާންކޮށްފައެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހުއަށް ޤައުމީ އިނާމު ލިބުނީ 2004 ވަނަ އަހަރުއެވެ.