Ads by Stelco

ޚަބަރު

96 މަސާޖު ޕާލާ ބަންދުކޮށްފި، ޙާލަތު ބަދަލުކުރެވޭނީ އެންމެންގެ ނިޔަތާއި ޢަމަލު އެއްގޮތްވެގެން: ރައީސް

96 މަސާޖު ޕާލާ ބަންދުކޮށްފި، ޙާލަތު ބަދަލުކުރެވޭނީ އެންމެންގެ ނިޔަތާއި ޢަމަލު އެއްގޮތްވެގެން: ރައީސް

މާލޭގައި ހިންގި މަސާޖު ޕާލާއެއް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ރެއިޑް ކުރަނީ / ފައިލް ފޮޓޯ: އިމިގްރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޑިސެމްބަރު 2025، 04:40

31 ޑިސެމްބަރު 2025، 04:40

ޑިސެންބަރު 9ވަނަ ދުވަހު ފެށި އޮޕަރޭޝަނާއެކު މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށާއި، މި ޙާލަތު ބަދަލުކުރެވޭނީ އެންމެންގެ ނިޔަތާއި ޢަމަލު އެއްގޮތްވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި ޙިއްޞާ ކުރެއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ޙުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 96 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މިފަދަ ފާހިޝް ޢަމަލުތައް މުޖުތަމަޢުގައި ފެތުރެނީ، މި ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ހިތާމަހުރި ޙަޤީޤަތެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އެހެންކަމުން، މިފަދަ ކަންކަން މުޖުތަމަޢުން ހުއްޓުވުމަށްޓަކައި އެންމެންގެ ނިޔަތާއި ޢަމަލުތައް އެއްގޮތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

9 ޑިސެންބަރުގައި ފެށި ޚާއްޞަ އޮޕަރޭޝަނަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން އެ ކަންބޮޑުވުން ހާމަކުރުމުން ފެށި އޮޕަރޭޝަނެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އާދަކޮށް ކުރަމުންދާ މަސައްކަތެއް ކަމުގައި ވިޔަސް، އާންމުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އޮތުމުން، މި އޮޕަރޭޝަންތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިފަދަ ކަންކަން މުޖުތަމަޢުން ނައްތާލުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450