ޚަބަރު
ރައީސް، ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ފަރާތްތަކަށް މީލާދީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
01 ޖެނުއަރީ 2026، 11:14
01 ޖެނުއަރީ 2026، 11:14
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭރު ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް މީލާދީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވައިފިއެވެ.
ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، ޤައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާއާއި ހެއުއެދުންތައް ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށް ވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ހަމަ އެހެންމެ، މި ފެށޭ އައު އަހަރަކީ، އެ ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވެގެންދާނެ އަހަރަކަށް ވާނެކަމަށް، އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިއެވެ.