ރިޕޯޓް
2025ވަނަ އަހަރު ނިމުނުއިރު ސަރުކާރުން ވަނީ ރައްޔިތުންނަށް އުއްމީދު ހޯދައިދީފައި
އަތޮޅުތެރެއަށް ކުރެއްވި ޒިޔާރަތެއްގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
01 ޖެނުއަރީ 2026، 02:01
01 ޖެނުއަރީ 2026، 02:01
2025ވަނަ އަހަރު ނިމި، މުޅިން އައު އަހަރަކަށް ކުރިމަތިލިއިރު، އަދުގެ ސަރުކާރުން މިވަނީ ރައްޔިތުންނާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ފައްޓަވައި، އަދި އޭގެ ތެރެއިން ބައެއް ކަންކަން ނިންމަވައި، ރައްޔިތުންނަށް އުއްމީދު ހޯއްދަވާދެއްވާފައެވެ. އެގޮތުން އެ އަހަރު ނިމުނުއިރު ރައްޔިތުންގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ އަދި ނިންމާފައިވާ މުހިންމު މަޝްރޫޢުތައް ގިނައެވެ.
ކޮންމެ އަތޮޅަކުން، ކޮންމެ ރަށަކުން މިއަދު އަޅުގަނޑުމެނަށް ފެނިގެން މިދަނީ، ޤައުމީ ތަރައްޤީ އާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައްތަކެވެ. މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
އާބާދީއަށް ނުބަލައި، ރައްޔިތުންނަށް ހަމަހަމަކަމާއެކު ވެރިކަން ކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ފައްޓަވާ ދެއްވާފައެވެ. އޭގެތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
މީގެ އިތުރުން އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭ ބޯފެނާއި ނަރުދަމާގެ މައްސަލައަކީ ވެސް ބައެއް ރަށްރަށަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. މިކަން ހައްލުކުރުމަށްޓަކައިވެސް އެތައް ރަށެއްގައި ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ވަނީ ފަށާފައެވެ. އަދި ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި، އާ ސްކޫލު އިމާރާތްތަކާއި، އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މީގެއިތުރުން 2025ވަނަ އަހަރުގެ ތެރޭގައި އެތައް މަޝްރޫޢުތަކެއް ނިންމައި، އެ ކަންކަމުން ރައްޔިތުން ވަނީ ޚިދުމަތް ހޯދަން ފަށާފައެވެ. އެގޮތުން، ބައެއް ރަށްރަށުގެ ބަނދަރު މަޝްރޫޢުތައް ނިމި، ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރުކުރުމުގެ ފުރުސަތުވަނީ ފަހިވެފައެވެ. ހަމައެފަދައިން، ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ނިމި، ސާފު ބޯފެން ލިބުމުގެ ދަތިކަން ވަނީ ހައްލުވެފައެވެ. އަދި ސިއްޙީ ދާއިރާއިން އާ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ތަރައްޤީކޮށް އިފްތިތާހުކުރުމުގެ ސަބަބުން ރައްޔިތުންނަށް ގާތުން ސިއްޙީ ޚިދުމަތްތައް ލިބިގެންގޮސްފައިވެއެވެ.
2025ވަނަ އަހަރު ސަރުކާރުން ވަނީ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަގުހެޔޮކުރުމުގެ މަސައްކަތްތައް ވެސް ފަށާފައެވެ. މީގެ އިތުރުން، ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، ސަރުކާރުގެ އެކި ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުމުގެ ސަބަބުން ރައްޔިތުންނަށް ވަގުތާއި ފައިސާގެ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް އަންނަނީ ލިބެމުންނެވެ. ހަމައެއާއެކު ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، އިޤްތިސާދީ ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދީފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ކަންކަން ފަހިކޮށްދެއްވާނެކަމަށް ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ ވިދާޅުވެފައެވެ.
ދެން އޮތީ އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ބޯހިޔާވަހިކަމުގެ ވާހަކައެވެ. ބޯހިޔާވަހިކަމަކީ ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި ބޮޑު މައްސަލައެކެވެ. މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުންވަނީ ގިނަ މަޝްރޫޢުތަކެއް ފަށާފައެވެ. އޭގެތެރޭގައި އާ ހައުސިންގ ޔުނިޓްތައް އެޅުމާއި، ބޯހިޔާވަހިކަމަށް އެދިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިން ހިއްސާކުރުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށް އެބަދެއެވެ. މިކަންކަމުގެ ސަބަބުން އެތައް އާއިލާއަކަށް އުފާވެރިކަމާއި އަމާންކަން ލިބިގެންދާނެއެވެ.
އަތުން ހިފޭ ތަރައްޤީގެ އިތުރުން، އިޖުތިމާއީ ތަރައްޤީ ހޯދައިދިނުމަށް ވެސް 2025ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ތެލަސީމިއާ ކުދީންގެ ޚިދުމަތްތައް ރަނގަޅު ކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވަކިން ޚާއްޞަކޮށް ސިވިލް ސާރވަންޓުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލު ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއްކަން ވެސް 2025 ވަނަ އަހަރު ސަރުކާރުން ސާބިތުކޮށްދިނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ޙައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އޭގެ ތެރެއިން ބައެއްކަންކަން ކުރި މުއްދަތެއްގެ ތެރޭގައި ޙާޞިލް ވެސް ކުރިއެވެ. އަދި މާލޭގައި އުޅޭ ރައްޔިތުންނުންގެ އިތުރުން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިގެން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙާލު ވަރަށް ގާތުން ބައްލަވާފައެވެ.
މިހުރިހާ މަސައްކަތްތަކުން ދައްކުވައިދެނީ، ސަރުކާރުން ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކޮށް، ގައުމީ ތަރައްޤީއަށް އިސްކަންދޭކަމެވެ. 2025ވަނަ އަހަރުގެ ނިޔަލަށް ފަށާފައިވާ އަދި ނިމިފައިވާ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އުފާވެރި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަން ޔަޤީނެވެ.