Ads by Stelco

ޚަބަރު

ޤައުމު ބިނާކުރާނީ އެންމެންގެ ޝާމިލުވުމާ އެކީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޤައުމު ބިނާކުރާނީ އެންމެންގެ ޝާމިލުވުމާ އެކީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ނޮވެންބަރު 2025ގައި އައްޑޫއަށް ވަޑައިގެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

04 ޖެނުއަރީ 2026، 09:10

04 ޖެނުއަރީ 2026، 09:10

ޤައުމު ބިނާކުރާނީ އެންމެންގެ ޝާމިލުވުމާ އެކީ ކަމަށާއި، އެއްވެސް މީހަކު ބާކީ ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހަކީ، ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ބްރެއިލްގެ ސަބަބުން ހުޅުވާލަދިން ދޮރުތަކާއި، ފަހިކޮށްދީފައިވާ ފުރުސަތުތަކާއި، މިނިވަންކަމާއެކު އަބުރުވެރި ދިރިއުޅުމެއް އެފަދަ ފަރާތްތަކަށް ހޯދައިދިނުމަށް ބްރެއިލް އަދާކުރަމުންދާ ދައުރު ފާހަގަކުރާ ދުވަސް ކަމަށެވެ.

އަދި އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަކީ، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފުރުސަތުތައް ފަހިކޮށްދިނުމުގައި އެންމެންގެ ބައިވެރިވުން ހިމެނޭނެ އިންތިޒާމުތަކެއްގެ ތެރެއިން ކަންކަން ކުރުން ކަމުގައެވެ. 



ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކަމަށާއި ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލްކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެކެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ އެކި ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އެކި ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ދަނީ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. 

އަދި ރާއްޖޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް، ބްރެއިލް ބޭނުން ކޮށްގެން ވޯޓުލެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެކި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ދަނީ ބްރެއިލް ބޭނުންކުރުންވެސް އިތުރުވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450