ޚަބަރު
އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެ
ވައި ނުސާފު/ފޮޓޯ: ހަފްތާ އޮންލައިން
އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ޞިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފުވެފައިވާއިރު، ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ ވަނީ "ރެޑް އެލަރޓް" އަށް އަރާފައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައި ވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. މިކަމާއި ގުޅިގެން މެޓް އޮފީހުން ވިދާޅުވީ، މި ސަރަޙައްދަށް އެންމެ ބޮޑަށް ވައި ނުސާފުވާނެ ކަމަށް ބެލެވެނީ މިއަދާއި މާދަމާ ކަމަށެވެ. އެގޮތުން، މި ދެ ދުވަހު ރާއްޖެ ސަރަޙައްދުގެ ދުރު ފެންނަ ނިސްބަތް ހުންނާނީ 3 ކިލޯ މީޓަރަށް ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.
ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މަޢުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 43.8 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 8.8 މަތީ ޢަދަދެކެވެ. މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދެހަފްތާގައި ވެސް އެއްކޮށް ވައި ސާފުވާނެކަމަށް ނުދައްކާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.