Ads by Stelco

ޚަބަރު

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރެވޭގޮތަށް ހުށަހެޅި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރެވޭގޮތަށް ހުށަހެޅި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޖެނުއަރީ 2026، 12:32

08 ޖެނުއަރީ 2026، 12:32

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރެވޭގޮތަށް ހުށަހެޅި "ރީ-އެމްޕްލޯއިމަންޓް" ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލު ފާސްކުރައްވާފައި ވަނީ، 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ 1 ގައެވެ.

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި "ރީ-އެމްޕްލޯއިމަންޓްގެ ބިލު" އަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންއަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުޞޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރީ-އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށްކަމަށްވާއިރު، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ. މި އުޞޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންކަމަށްވާއިރު، މި އުޞޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަޤާމު ނުވަތަ އެހެން މަޤާމަކަށްވެސް ހަމަޖެއްސިދާނެއެ.

ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށެވެ. މި އުޞޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބުނު ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ. އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ 6 މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. 

މި ބިލު ޤާނޫނަކަށްވި ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނެއް ނުހިނގާނެއެވެ.

މި ބިލަށް ޢަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450