Ads by Stelco

ޚަބަރު

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ހުޅުވާލާނީ ރައްޔިތުން ބޭނުންވި ބަދަލުތަކާއެކު: ރައީސް

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ހުޅުވާލާނީ ރައްޔިތުން ބޭނުންވި ބަދަލުތަކާއެކު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

09 ޖެނުއަރީ 2026، 05:13

09 ޖެނުއަރީ 2026، 05:13

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ހުޅުވާލާނީ ރައްޔިތުން އެދިވަޑައިގެން ކަންކަން ހިމެނޭނޭހެން ޝަރުޠުތައް އިޞްލާޙުކުރައްވުމަށްފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި، އެކަން ޙައްލުކޮށްދެއްވުމަށްޓަކައި މާލޭ ސަރަޙައްދުން 7900 އެއްހާ ފްލެޓާއި 15000 ގޯއްޗަށް ކުރިމަތިލުމަށް މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލައްވާއިރު، ރައްޔިތުންގެ ބައްދަލުވުންތަކުގައި ހުށަހެޅުއްވި ބައެއް ޚިޔާލުތައް ހިމަނުއްވައިގެން ޝަރުޠުތައް އިޞްލާޙުކުރައްވާފައިވާނެކަމަށެވެ.

އެގޮތުން، ކުރީގެ ސްކީމްތަކުގައި، މީގެ އެތައް އަހަރެއް ކުރިން އެއް ކޮޓަރީގެ ފްލެޓުތައް ލިބުނު ނަމަވެސް، އާއިލާ ބޮޑުވެ، އެއް ކޮޓަރިން ނުފުދޭ މީހުން، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ މީހުންނަކީ، 18 އަހަރު ނުފުރޭ ދެ ޖިންސުގެ ދަރީން ތިބި މީހުންކަމުގައިވާނަމަ، އެމީހުންނަށްވެސް، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ގެނެސްފައިވާ އިތުރު އިސްލާޙުތަކުގެ ތެރޭގައި، މާލޭގައި ދަފުތަރުވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކަށްވެސް ފްލެޓަށް ކުރިމަތިލެވޭގޮތަށް ހިމަނުއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ފުރުޞަތުގައި ދޫކުރުމަށް ނިންމާފައިވާ 15000 ގޯތީގެ ތެރެއިން މާލެއަށް އުފަން މާލޭ ރައްޔިތުންނަށް 7000 ގޯތި، ދަފުތަރުގައި ޖެހިފައިވާ މީހުންނަށް 1000 ގޯތި، ފަހުން ރަޖިސްޓަރީގައި ޖެހިފައިވާ މީހުންނަށް 2000 ގޯތި، މައިމުޅަވެފައިވާ ފަރާތްތަކަށް 500 ގޯތި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3000 ގޯތި، އަދި، ހަނި ގޯޅިތަކުގައި ހުންނަ، ޢިމާރާތްކުރުމަށް ލޯނުހޯދުމަށް ދަތިކަން ހުރި ގޯތި ދޫކޮށް ގޯތިތައް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ 1500 ގޯތީ ދިނުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

އަދި ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށް މި ސަރުކާރުން މަޑުކުރައްވަނީ ދައުރުގެ 4 ވަނަ ނުވަތަ 5 ވަނަ އަހަރަށް ނޫންކަމަށާއި، މި މައްސަލައަށް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ތަރުތީބުކުރައްވާފައިވަނީ، ޙަޤީޤީ ހައްލު ހޯއްދަވައިދެއްވުމަށް އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމުގެ މަޤްޞަދުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450