ޚަބަރު
ދުންފުހުގެ އަސަރު ކުޑަވަމުންދާކަމަށް މެޓް އޮފީހުން ބުނެފި
މާލެ ސަރަޙައްދުގެ ވައި ނުސާފުވުން. ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ވައިގެ ސާފުކަން ކުޑަވެ، ކުރިމަތިވެފައިވާ ދުންފުހުގެ އަސަރު މަޑުމަޑުން ދަށްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު މިއަދު ދުރު ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ދުރު ފެންނަ މިންވަރު ހުރީ 4 ކިލޯ މީޓަރުގައި ކަމަށެވެ. ނަމަވެސް ވައި އެންމެ ބޮޑަށް ނުސާފުވި ވަގުތުތަކުގައި ދުރު ފެންނަ މިންވަރު ގާތްގަނޑަކަށް 1.5 ކިލޯ މީޓަރަށް ދަށްވިކަން އެ އިދާރާއިން ފާހަގަކުރެއެވެ. މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މުޅި އިރުވައި މޫސުމުގައިވެސް އެކި ދުވަސްތަކުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަދު ރާއްޖޭގެ ގިނަ ހިސާބުތަކުގައި ވައިގެ ތަޣައްޔަރުކަން ވަނީ ދަށްވެފައެވެ. ނަމަވެސް މިވަގުތަށް ބަލާއިރު އެންމެ ވައި ނުސާފީ މާލެ ސަރަޙައްދުގައެވެ. މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން 110 ގައި ހުރިއިރު، ނިމުނު ހަފުތާގައި މި އަދަދު ހުރީ 190 ގައެވެ. ވައި ސާފުކަމުގެ މިންގަނޑަށް ބަލާއިރު 151 އާއި 200 އާ ދެމެދަކީ ވައިގެ ނުސާފުކަން ނުރައްކާ މިންވަރެކެވެ.
ރާއްޖޭގެ ވައި ނުސާފުވާން މެދުވެރިވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 5 ދުވަހަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ ކަމަށް އެޗް.ޕީ.އޭ އިން ކުރިން އިންޒާރު ނެރެފައިވެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗް.ޕީ.އޭ އިން ދަނީ އިރުޝާދު ދެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
އެޗް.ޕީ.އޭ އިން އިލްތިމާސްކުރައްވަނީ "ވައި ނުސާފު ވަގުތުތަކުގައި ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެން.95 މާސްކު ބޭނުންކުރުމަށެވެ." މި ދުވަސްވަރު ވައިގެ ހާލަތަށް ބަލައިގެން އާންމު ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަކީ މުހިންމު ކަމެއްކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.