ޚަބަރު
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހަން ފަށައިފި
މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެރޭ ވަނީ ފަށާފައި---
ފަރުދުން
25 ޖެނުއަރީ 2026، 09:19
25 ޖެނުއަރީ 2026، 09:19
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް ދޫކުރުމަށް ނިންމަވާފައިވާ މަސްދަޅު ކޭސްތައް މާލޭ ސަރަޙައްދުގައި ހޮނިހިރު ދުވަހުގެރޭ ބަހަން ފަށައިފިއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މަސްދަޅު ކޭސްތައް ދޫކުރުން ކުރިޔަށްދާނީ ކޮންމެ ރެޔަކު 8:00 އިން ފެށިގެން 11:00 އަށެވެ. މީގެ އިތުރުން މަސް ދަޅު ކޭސް ދޫކުރާނީ އެކަމަށް ޚާއްޞަކޮށް ދޫކުރާ ޓޯކަން ނަމްބަރު ތަރުތީބުން ކަމަށާއި، ކޮންމެ ރެޔަކު 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށެވެ. އަދި މިހާތަނަށް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަގާފައިވާކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބެއްލެވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އެ ސަރަޙައްދަން ވަޑައިގެންނެވުން---
ސަރުކާރުގެ އަމާޒަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅުކޭސް ބަހާ ނިންމާލުންކަމަށް ވަނީ ކުރިން ހާމަކޮށްފައެވެ. އެގޮތުން މި ހަފްތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.
މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު
ހުޅުމާލެ ފޭސް1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ޢުމަރުޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވަރ
- މުހައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ވެމްކޯސައިޓު
ރޯދަމަހަށް ޚާއްޞަކޮށް ކޮންމެ ގޭބިސީއަކަށް ދޫކުރަމުން ދަނީ 48 ދަލުގެ މަސް ކޭހެކެވެ. މިއަންނަ މަހުގެ 18 ވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަލަންޑަރުގައި ވާއިރު، އޭގެ ކުރިން 118،673 މަސްދަޅު ކޭސް ބަހާ ނިންމޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ.