ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 އަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުޟޫޢަށް ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުން ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ވެސް ޒިޔާރަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން މި ދަތުރުފުޅުގެ ތެރެއިން ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމުގައި ދެ ޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރާނެއެވެ. ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅު ކުރައްވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.