ޚަބަރު
ކެންސަރުގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކެންސަރު ބަލީގެ ފަރުވާ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ފެށިގެން ދިއުމަކީ މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކެންސަރު ބަލިން ސަލާމަތްވެފައިވާ މީހުންނާއި، މިހާރުވެސް އެ ބައްޔާ ހިތްވަރާއެކު ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މި ބަލީގައި ގިނަ ބަޔަކު ވަކިވެގެންދާއިރު، ބައްޔަށް ހޭލުންތެރިކުރުމާއި، ބަލި ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިދިޔަ ޖެނުއަރީ މަހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ސަރުކާރުން މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއީ މާލެއިން ބޭރުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށި ރާއްޖޭގެ 4 ވަނަ ހޮސްޕިޓަލެވެ.
ޒަމާންތަކެއް ވަންދެން މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އަތޮޅުތަކުގައި މި ޚިދުމަތް ފުޅާވުމަކީ ބަލިމީހުންނާއި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމެއް، ރައީސް
މީގެ އިތުރުން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް އުއްމީދު އައުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
As we mark #WorldCancerDay, we honour survivors and everyone currently fighting cancer, whose courage continues to inspire us. Each year, cancer claims many brave lives, reminding us of the urgent need for greater awareness, prevention, and collective action to support those… pic.twitter.com/qDPURh7123
— Dr Mohamed Muizzu (@MMuizzu) February 4, 2026
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ކެންސަރު ދުވަހުގެ މައިގަނޑު މަޤްޞަދަކީ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމެވެ. އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހެނީ ކެންސަރު ބައްޔަށެވެ. އެހެންކަމުން، ރާއްޖޭގައި މި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.