ޚަބަރު
މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
04 ފެބްރުއަރީ 2026، 01:48
04 ފެބްރުއަރީ 2026، 01:48
މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިން ވަނީ އޯޓިޒަމް އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޚިއްޞާ ކުރައްވާފައެވެ.
އެގޮތުން ސްކޫލްތަކުގައި އެ ކުދިންނަށް ކިޔަވައިދެވޭގޮތް އިތުރަށް ހަރުދަނާ ކުރުމާއި، ވޮކޭޝަނަލް ތަމްރީނު ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ސްކޫލްތަކުން ލިބޭނެގޮތް ހެދުމާއި، ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މަޢުލޫމާތު ބެލެނިވެރިންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޚިއްޞާ ކުރައްވާފައެވެ.
މީގެއިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ޤުރުއާން ކިޔެވޭނެ ގޮތްހެދުމާއި، ތެރަޕީގެ ޚިދުމަތް ހަރުދަނާކޮށް، އެއްފުރާޅެއްގެ ދަށުން އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ތައުލީމާއި ހުނަރު ލިބިދެވޭނެ ސެންޓަރެއް ސަރުކާރުން ޤާއިމްކޮށްދެއްވުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާއާ ޚިއްޞާ ކުރެއްވިއެވެ.
އަދި ޑިސްއެބިލިޓީ ކައުންސިލް މިހާރު އުފެދިފައި އޮންނަ ގޮތް ބަދަލުކުރެއްވުމަށް ވެސް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވަރަށް ސަމާލުކަންދެއްވައިގެން ވީހާވެސް އަވަހަށް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.