Ads by Stelco

ޚަބަރު

މަގު ހެދުމުގެ މަޝްރޫޢުތައް ހަލުއި ކުރުމަށް ޒަމާނީ މެޝިނަރީ އާއި އިކުއިޕްމަންޓް އެޕްރީލްގެ ކުރިން ގެންނަނީ

މަގު ހެދުމުގެ މަޝްރޫޢުތައް ހަލުއި ކުރުމަށް ޒަމާނީ މެޝިނަރީ އާއި އިކުއިޕްމަންޓް އެޕްރީލްގެ ކުރިން ގެންނަނީ

އާރުޑީސީއިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ / ފައިލް ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ފެބްރުއަރީ 2026، 09:48

05 ފެބްރުއަރީ 2026، 09:48

މަގު ހެދުމުގެ މަޝްރޫޢުތައް ހަލުއި ކުރުމަށް ޒަމާނީ މެޝިނަރީ އާއި އިކުއިޕްމަންޓް، މި އަހަރުގެ އެޕްރީލްގެ ކުރިން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށްޓަކައި، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެނެވޭނެކަމުގައެވެ.

މި މެޝިނަރީޒްއާއެކު ރަށްރަށުގެ މަސައްކަތްތަކުގެ އިތުރުން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިގޮތަށް ގެނެވޭ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ހަމަޖެހިފައިވާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފަށައި، އަދި ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށޭނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ވަނީ ނިންމާފައެވެ. އަދި މި ދިޔަ އަހަރު އަލަށް ސޮއިކުރެވުނު 57 މަޝްރޫޢާއެކު، މަގު ހެދުމުގެ 97 މަޝްރޫޢެއްގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުގައި، އެކި މަރުހަލާގައި ކުރިއަށް އެބަދެއެވެ. 

މިއަހަރު ތެރޭގައި އިތުރު 13 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނެކަމަށް ވެސް ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މި 110 ރަށުގެ މަގުހެދުމުގެ މަޝްރޫއުތައް ކުރިޔަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނެކަމަށާއި، މަގު ހެދުމުގައި، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގިނަ ރަށްތަކެއްގެ ރައްޔިތުން އެދިފައިވާ ގޮތަށް ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒަމާއެކު ވެލި މަގުތައް ހެދުމަށް ނިންމާފައިވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450