ޚަބަރު
އޮޕަރޭޝަން ކުރަނގި: މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައިފި
ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، "ކުރަނގި" އޮޕަރޭޝަންގެ ނަމުގައި ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް 205،701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓްކުރެވިފައިވާ ކަމަށެވެ. އަދި ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، 17 ނޮވެމްބަރ 2025 އިން 31 ޖެނުއަރީ 2026 ގެ ނިޔަލަށް، ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 228 ބިދޭސީން ފޮނުވާލާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 17 ނޮވެމްބަރ 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް، ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11،496 ބިދޭސީއެއް ފޮނުވާލާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ބަލާއިރު، 2018 އިން 2023 އާ ދެމެދު ފޮނުވާލާފައިވަނީ އެންމެ 2649 ބިދޭސީން. ހަމަ އެއާއެކު، ކުރަނގި އޮޕަރޭޝަންގެ 2ވަނަ ފިޔަވަހި ވެސް މިހާރު ވަނީ ކުރިޔަށް ގެންދަން ފަށާފައި. މި ފިޔަވަހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ބަޔޮމެޓްރިކްސް ދިން ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމް 1 ޖަނަވަރީ 2026 ގައި ފަށާފައިވާނެ. މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި މިހާތަނަށް 3837 އެޕްލިކޭޝަން ލިބިފައިވޭ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ކުރަނގި އޮޕަރޭޝަންގެ 3 ވަނަ ފިޔަވަހި ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ޢިއުލާން ކުރައްވާފައިވާއިރު، މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ޞައްޙަ ވަރކް ޕަރމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އިތުރު ފުރުޞަތެއް ނުދީ ޑީޕޯޓްކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަން 2027 ވަނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު ނިމޭއިރު ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި އެއީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ ކަމަށާއި، ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރު ހުރި، ދާއިމީ ޙައްލެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.