ޚަބަރު
މި ސަރުކާރު އައިފަހުން 21،000އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފައްދައިފި
ވެލާނާ ބިލްޑިންގ---
ފަރުދުން
08 ފެބްރުއަރީ 2026، 11:32
08 ފެބްރުއަރީ 2026، 11:32
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 21،174 ވަޒީފާގެ ފުރުސަތު އުފެއްދިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ، 20ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކިއުމުރު ފުރައިގެ ދިވެހިން އިތުރު ކުރުމަށް، ކަނޑައަޅާ ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 21،174 ވަޒީފާގެ ފުރުސަތު އުފެއްދިފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ބުނާ 6،724 ވަޒީފާ ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިޔަށް އޮތް އެއް އަހަރުގެ ތެރޭގައި އިތުރު 25،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވުމާ ގުޅިގެން، އޭގެ ފަހުން އެ ވަޒީފާތަކުގެ ފުރުސަތު ވެސް ލިބޭނީ ދިވެހީންނަށްކަމަށް ވިދާޅުވެފައެވެ.
ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
އެގޮތުން 17 ނޮވެމްބަރު 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11496 ބިދޭސީން ފޮނުވާލާފައިވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން 2027 ވަނަ އަހަރުގެ މޭ މަހުގެ 2ވަނަ ދުވަހު ނިމޭއިރު، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި، އެއީ ކޮން ބައެއްކަން ކަށަވަރު ކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް، ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.