ޚަބަރު
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
މާލެއަށް ވިއްސާރަކުރުން/ފޮޓޯ: ސީއެންއެމް
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ، މިއަދު މެންދުރުފަހު 12:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for heacy rain extended pic.twitter.com/ydbI1uBPcx
— Maldives Meteorology (@MetMaldives) February 8, 2026
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.