ޚަބަރު
ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އެސަރަހައްދަށް ވަޑައިގެންފި
ރައީސް ޑރ މުޢިއްޒު ބޮޑުތަކުރުފާނުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން.
މާލޭ ބޮޑުތަކުރުފާނުމަގުގެ މާރުކޭޓް ސަރަޙައްދު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެސަރަޙައްދަށް ވަޑައިގެންފިއެވެ.
މިއަދު އެސަރަޙައްދަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ މަސައްކަތްކުރިއަށް ދާގޮތް ބައްލަވާލައްވާ މަސައްކަތް ކުރިއަށްދާގޮތާއި މެދު މަޝްރޫޢުގެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީގެ އިސްވެރިންނާއި އެކު މަޝްވަރާކުރައްވަވާފައެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސްގެ އަރިހުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު ވިދާޅުވީ އެސަރަޙައްދުގެ މަގުހެދުމުގެ މަޝްރޫޢޫގެ ތެރެއިން މިހާރު ނިމިފައިވާ ސަރަޙައްދުގައި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިރޭ ފަށާނެކަމަށެވެ. އަދި އޭގެ އެއްދުވަސް ފަހުން އެސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ނިންމައި މިމަހުގެ 16ވަނަ ދުވަހި އެސަރަޙައްދު އާންމުންނަށް ހުޅުވާލުމަށް ޤަސްދުކޮށްފައިވާ ކަމަށެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.
މިއީ 144,509,024.16 ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.