ޚަބަރު
ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފަށަނީ
ކުޑަކުދިންނަށް ތެރަޕީދިނުން/ފޮޓޯ: ދަރިވަރު
ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ގެ މާރިޗު މަހުގެ ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ބޭނުންވެ، އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަޞީލަތް ނެތް އެއް ދާއިރާގެ ގޮތުގައި، އެކި ކަހަލަ ތެރަޕީތައް ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިކަމަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީން ދިނުމުގެ ކޯސްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު، މި ކޯސްތަކުން ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ގެ މާރިޗު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރުން މިހާރަށްވެސް ޙައްލެއް ހޯދުމުގެ ގޮތުން ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިޔަރަލް ތެރަޕިސްޓުން އަދި ފިޒިއޮތެރަޕިސްޓުންނާއި ސައިކޯތެރަޕިސްޓުން ހިމެނޭހެން ކުރިޔަށް އޮތް 6 މަސް ދުވަސް ތެރޭގައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރ ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރު މެދުތެރޭގައި ފަށާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި މި ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ޤާއިމްކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެކަމަށާއި، މި ސެންޓަރުތަ ޤާއިމް ކުރެވުމުން، ތެރަޕީގެ ޚިދުމަތަށް ހިނގާ ހުރިހާ ޚަރަދެއް މިއަހަރު ޖެނުއަރީ 1 އިން ފެށިގެން އާސަންދަ ދޭ ގޮތަށް އޮތް އޮތުން މުރާޖަޢާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، އެ ޚަރަދުން ވަކި އިންސައްތައެއް މި މަރުކަޒުތަކުން އެންމެ ފެންވަރު ރަނގަޅުކޮށް، ހިލޭ ލިބިގެންދިޔުމަށް ހޭދަކުރާގޮތަށް ހަމަޖައްސާނެކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.