Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޖަރމަނުގެ ފޮރިން ކައުންސިލަށް ޒިޔާރަތްކުރައްވައި ކަނޑުތައް ބެލެހެއްޓުމާ ގުޅޭގޮތުން ތަޤުރީރުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަރމަނުގެ ފޮރިން ކައުންސިލަށް ޒިޔާރަތްކުރައްވައި ކަނޑުތައް ބެލެހެއްޓުމާ ގުޅޭގޮތުން ތަޤުރީރުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަރމަނުގެ ފޮރިން ކައުންސިލުގައި ތަޤުރީރުކުރެއްވުން / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 ފެބްރުއަރީ 2026، 08:13

12 ފެބްރުއަރީ 2026، 08:13

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައި، ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަޤުރީރުކުރައްވައިފިއެވެ.

އެ މަނިކުފާނުގެ ތަޤުރީރުގައި  މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ތާރީޚީ، އިޤްތިޞާދީ، ޘަޤާފީ އަދި ދިފާޢީ ގޮތުންވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްޞާދަށާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮށްފާނޭ ބޮޑެތި އަސަރުތަކުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެ އޮންނަނީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައިކަމާއި، މީގެ ސަބަބުން، ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިވުމާއި، އިތުބާރާއި، ހިއްސާކުރާ މިންގަނޑުތަކެއްގެ އެހީގައި، ދުނިޔޭގައި މަޢުލޫމާތު ދައުރުކުރާ އެންމެ ބޮޑު ވިއުގަ ކަމުގައިވާ، ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެ މަނިކުފާނުގެ ތަޤުރީރު ނިންމަވާލައްވާފައިވަނީ، ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަސާސީ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުންދިނުމަށާއި، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤުބަލާއި، ބައިނަލްއަޤުވާމީ ހަމަޖެހުން ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން ކަން ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޤުރީރަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ. އެގޮތުން އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުތަކުގެ ސަލާމަތްކަން ކަށަވަރުކޮށް ވިލުންތެރިކަން އިތުރުކުރުމުގައި ރާއްޖެއިން ގެންގުޅޭ އުސޫލު ބިނާކޮށްފައިވަނީ، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ބަދަހި ގުޅުންތަކާއި، ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިޙުތިރާމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަތީގައިކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ޤާބިލިއްޔަތު އިތުރުކުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450